ފޮރިން މިނިސްޓްރީ

ޔޫއެން އިން ކޮވިޑް-19 އަށް ރިކަވަރީ ފަންޑެއް އެކުލަވާލައިފި

މަރިޔަމް ޝަހުދާ

ޔުނައިޓެޑް ނޭޝަންސް، (ޔޫއެން) އިން ކޮވިޑް-19އަށް ރިކަވަރީ ފަންޑެއް އެކުލަވާލައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ޔޫއެން އިން އެކުލަވާލި މި ފަންޑަށް ދިވެހި ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.

ކޮވިޑް-19 ރެސްޕޮންސް އެންޑް ރިކަވަރީ ފަންޑު އެކުލަވާލައި އެކަން ޔޫއެން އިން އިއުލާނު ކޮށްފައި ވަނީ އަންގާރަ ދުވަހު ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި މިކަން އިއުލާނު ކުރީ ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒް އެވެ.

މި ފަންޑަކީ ކުދި އަދި މެދުފަންތީގެ ގައުމުތަކަށް މި ދަނޑިވަޅުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި އެކުލަވާލި ފަންޑެއް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. މި ފަންޑުގެ އެހީގައި ޖުމުލަ ދެ ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓުތަކަށް އެހީތެރިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި ދުރަތަމަ ނުވަ މަސް ތެރޭ އެކި ޕްރޮޖެކްޓުތަކަށް ޖުމުލަ އެއް ބިލިއަން ޔޫއެސް ޑޮލަރު ހޭދަވާނެ ކަމަށް ޔޫއެން އިން ލަފާ ކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ރާއްޖެއަށް މި ފަންޑުގެ އެހީތެރިކަން ހޯދުމުގެ ގޮތުން ސަރުކާރުން ޔޫއެންގެ އިތުރުން ބައިނަލްއަގްވާމީ ޕާޓްނަރުންނާއެކު މަސައްކަތް ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި ސަރުކާރުން އިސްކަން ދޭނީ ސިއްހީ ކަންކަމަށާއި ކޮވިޑް 19ގެ ސަބަބުން އިޖުތިމާއީ ކަންކަމަށް އަދި އިގްތިސޯދަށް ކުރާ އަސަރު ކުޑަ ކުރުމަށް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމެއް ކަމުން ކޮވިޑް 19ގެ ސަބަބުން ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބޭކަން ފޮރިން މިނިސްޓްރީން ފާހަގަ ކުރެއެވެ. އަދި ޔޫއެންގެ ފަންޑުގެ ސަބަބުން މިކަމުން އަރައިގަތުމަށް އިތުރު އެހީއަކަށް ވާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.