މިވަގުތަކީ ކުލި ނަގާ ފަރާތްތަކުން ކުލި ކުޑަކޮށްދޭންވީ ވަގުތު ކަމަށް ސަރުކާރުން ބުނެފިއެވެ.
ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ މިވަގުތަކީ ކުލި ކުޑަކޮށް، ވަޒީފާތައް ހިފެހެއްޓުނު ވަރަކަށް ހިފަހައްޓަންވީ ވަގުތު ކަމަށެވެ.
"ކުލީގެ ވާހަކަ އެބަ ދެއްކޭ، ވަޒީފާ އިން މީހުން ކަނޑާލާ ވާހަކަ އެބަ ދެއްކޭ، އެކި ދަތި ހާލު ދިމާވާ ވާހަކަ ދެއްކޭ. އަޅުގަނޑުމެންގެ އިލްތިމާސެއް އެބައޮތް މިވަގުތު އަޅުގަނޑުމެން އެންމެން އެއްބައެއްގެ ގޮތުގައި މަސައްކަތްކުރަން. އޭގެ މާނައަކީ ކުލި ނަގާ ފަރާތުން ކުލި ކުޑަކޮށްދޭންވީ ވަގުތު، މިވަގުތަކީ. މިއީ ވަޒީފާ ދޭ ފަރާތްތަކުން، އެބޭފުޅުންގެ ކުންފުނިތަކުގެ ވަޒީފާތައް ހިފެހެއްޓުނު ވަރަކަށް ހިފަހައްޓައިދޭންވީ ވަގުތު،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ މިވަގުތަކީ އެއްވެސް މީހަކު އެމީހެއްގެ އަމިއްލަ ފައިދާއަށް އެކަނި މަސައްކަތްކޮށްގެން ގައުމެއްގެ ގޮތުގައި ކުރިއަށްދެވޭނެ ވަގުތެއް ނޫން ކަމަށާއި ސަރުކާރުން އެކަމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
"އަޅުގަނޑުމެން އުންމީދަކީ ދިވެހިން އެއްބައެއްކަން ދަނެގެން، މިވަގުތު އަމިއްލަ ފައިދާއަށް ނުވިސްނައި، ތިބޭފުޅުންނަށް ވެސް ވެދެވެން ހުރި އެހީތައް އަދި ކުރެވެން ހުރި ކަންތައްތައް ކޮށްދެއްވުން. އޭގެ މާނައަކީ ހަމައެކަނި ކަންތައްތަކަކުން އަގު ކެނޑުމެއް ނޫން. އަމިއްލަ ވިޔަފާރިތައް ކުރައްވާ ބޭފުޅުން އާ ގޮތްގޮތް އީޖާދުކުރައްވަން ގޭގައި ތިބެގެން ވެސް އެބޭފުޅުން މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.
މިވަގުތަކީ ކުލި ނަގާ ފަރާތްތަކުން ކުލި ކުޑަކޮށްދޭންވީ ވަގުތު ކަމަށް މަބްރޫކު ވިދާޅުވެފައިވާ އިރު، ކުލި ނަގާ ބައެއް ފަރާތްތަކުން ވަނީ ކުލި ކުޑަކޮށްދީފައެވެ.