ޚަބަރު

ކުއްޔަށް އުޅޭ ފަރާތްތަކުގެ އަތުން ކުޑަ ކުލި ނަގަން ބޭންކަކަށް ނޭންގޭނެ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލުއިތައް ދިން ނަމަވެސް، ކުއްޔަށް އުޅޭ ފަރާތްތަކުގެ އަތުން ކުޑަ ކުލި ނަގަން ބޭންކަށް ނޭންގޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ މޮރޮޓޯރިއަމް ތެރޭގައި ހައުސިން ލޯނުތައް ވެސް ހިމެނޭ ކަމަށާއި އެހެންނަމަވެސް އެ ފަރާތްތަކުން ލޯނުތަކަށް ފައިސާ ދެއްކުން ފަސްކޮށްދިނުމުގައި ކުލި ކުޑަކުރަން ބޭންކަށް ޝަރުތު ނުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެކަހަލަ ޝަރުތެއް ނުކުރެވޭ، ކޮށްފައެއް ވެސް ނޯންނާނެ. އެޔެއް ނޫން އުސޫލުތައް އޮންނަ ގޮތަކީ ވެސް. ކުލި ކުޑަކުރުމާއި ނުކުރުން އޮންނާނީ އެ ފަރާތްތަކުގެ އަތްމަތީގައި،" އޭނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މިދިޔަ މަހުގެ 19 ވަނަ ދުވަހާ ހަމައަށް ލޯނު ނަގާފައިވާ މީހުންނަށް ލޯނަށް ފައިސާ ދެއްކުން ފަސްކޮށްދިނުމަށް އެދުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށާއި ޕާސަނަލް ލޯނު، ހައުސިން ލޯނު އަދި ބިޒްނަސް ލޯނު ނަގާފައިވާ މީހުންނަށް ލޯނަށް ފައިސާދެއްކުން ފަސްކޮށްދިނުމަށް އެދި ހުށަހެޅޭނެ ކަމަށެވެ.

"ލޯނު އަނބުރާ ފަސްކުރާ ފުރަތަމަ ހަ މަސްދުވަހު، އެކަމަށް އެދޭ ފަރާތްތަކުން ބޭންކަށް އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެ. އަޅުގަނޑުމެން ފުރުސަތު މިދެނީ ސެޕްޓެމްބަރުގެ ނިޔަލަށް ލޯނު އަނބުރާ ދެއްކުމަށް ފަސްކޮށްދިނުމުގެ ފުރުސަތަށް އެދި ހުށަހެޅުމަށް. އަޅުގަނޑުމެން މި ހުޅުވާލާ ތަނުން ހުށަހެޅި ކަމުގައިވިޔަސް، އަޅުގަނޑުމެން ދޭނަން. މާޗް މަހުގެ ރީޕޭމަންޓުތައް އަޅުގަނޑުމެން ރީފަންޑުކޮށްދޭނަން. ފުރަތަމަ ހަ މަސް ދުވަހަށްފަހު، ދެވަނަ ހަ މަސް ދުވަހު މިހާރު ލޯނު ނަންގަވާފައި ތިބި ބޭފުޅުން، އެބޭފުޅުން މަހަކަށް އެ ދައްކަވާ އަދަދުގެ 20 އިންސައްތަ މަދުން ދައްކަވަން ޖެހޭނީ،" އޭނާ ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ ލުއިތައް ދޭ 12 މަސް ދުވަހަށްފަހު ލޯނު އަނބުރާ ދައްކަން ފަށައިގަންނަ އިރު، ކަސްޓަމަރުންނަށް ވީހާވެސް ލުއި ދިނުމުގެ ގޮތުން ދެ ކަމެއް ހިމަނާފައިވާނެ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ ކޮމްޕައުންޑް އިންޓަރެސްޓް ނުނެގުމެވެ. އަދި ދެވަނަ ކަމަކީ ލޯނުގެ މުއްދަތު މިހާރު އޮތް މުއްދަތަށްވުރެ އިތުރު ހަ މަސް ދުވަސް އިތުރުވެގެންދިއުމެވެ.