ކޮވިޑް 19އާ ގުޅިގެން އާންމުކޮށް ދޫކުރާ ލޯނުތައް ދޫކުރުން މަދުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ މިކަހަލަ ދަނޑިވަޅެއްގައި ކޮމާޝަލް ބޭންކުތަކުން ދާނީ ލޯނު ދޫކުރުން ވީހާވެސް މަދުކުރަމުން ކަމަށާއި ބީއެމްއެލުން އެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ބޭނުމެއް ނޫން އެއީ ލޯނު ދޫކުރުން ހުއްޓާލައި، އަޅުގަނޑުމެންގެ އިކޮނޮމީއަށް ދޭ އެހީތެރިކަން ހުއްޓާލާކަށް. އޭގެ ބަދަލުގައި އަޅުގަނޑުމެން މިދަނީ ދުވަހެއް ދުވަހަކަށް މިހާލަތަށް ބަލައި، އޭގެ އިތުރުން ސަރުކާރާއި އެމްއެމްއޭއާ ގުޅިގެން ދިވެހިންނާއި ދިވެހި މުޖުތުމައުއަށް ލާބައާއި މަންފާ ހުރި ގޮތްގޮތަށް އަޅުގަނޑުމެންގެ ޕްރޮޑަކްޓްސްތަކާއި އަޅުގަނޑުމެންގެ ސާވިސްތައް ބައްޓަންކުރަން މަސައްކަތްކުރަމުން،" އޭނާ ވިދާޅުވިއެވެ.
ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ގެއްލުންތައް ލިބެމުންދާ އިރު، ސަރުކާރުން އަންނަނީ ބޭންކުތަކާ ގުޅިގެން ވިޔަފާރިތަކާއި އާންމު ފަރުދުންނަށް އެހީވުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ބީއެމްއެލުން ވަނީ ޕާސަނަލް ލޯނު، ހައުސިން ލޯނު އަދި ބިޒްނަސް ލޯނުތަކަށް ފައިސާ ދެއްކުން ހަ މަސް ދުވަހަށް ފަސްކުރަން ނިންމައި، ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ރިސޯޓުތަކާއި ވިޔަފާރިތަކަށް ލޯނު ދޫކުރަން ނިންމައިފައެވެ.