އަލީ ޔާމިން
ކޮވިޑް 19އާ ގުޅިގެން ދަނޑުވެރިން އުފައްދާ ހުރިހާ އުފެއްދުންތައް ގަނެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ، ރާއްޖޭގައި ދަނޑުވެރިކަން ކޮށްގެން ގެއްލުން ނުވާނެ ކަމުގެ ޔަގީންކަން ދަނޑުވެރިންނަށް އަރުވާ ކަމަށެވެ. އަދި ދަނޑުވެރިން ހައްދާ ތަކެތި ގަތުމުގެ އިންތިޒާމު ސަރުކާރުން ހަމަޖައްސާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޔަގީންކަން މިދެނީ ރާއްޖޭގައި ހެއްދޭ ހުރިހާ ޕްރޮޑިއުސްއެއް، ފާމް ޕްރޮޑިއުސްއެއް އަޅުގަނޑުމެން ގަންނާނަމޭ. ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސެންޓްރަލީ ޕްރޮސެސްކޮށްފައި އެ މާކެޓަށް ގެންދިއުމުގެ އެ ޒިންމާ ނަގާނަމޭ ސަރުކާރުގެ ސެންޓްރަލް ކުންފުންޏަކުން." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކާއި، މިހާރުވެސް ދަނޑުވެރިކަން ކުރަމުން އަންނަ ފަރާތްތަކަށް އެސްޑީއެފްސީ މެދުވެރިކޮށް ވަރަށް ފަސޭހައިން ލޯނުތައް މިހާރުވެސް ލިބޭނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިމަހުގެ 26 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކޮށް ވިދާޅުވީ، ދަނޑުވެރިން ހައްދާ ތަކެތި އެސްޓީއޯ މެދުވެރިކޮށް ގަތުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުންފުންޏެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭރުން ދަނޑުވެރިކަން އިތުރަށް ފުޅާވެ އެކަމުގެ މަންފާ ގައުމަށް ކުރާނެ ކަމަށެވެ.