ޚަބަރު

ސްޓިމިއުލަސް ޕެކޭޖަށް އަންނަ ހަފްތާގައި ހުޅުވާލާނަން، މީރާއަށް ދައްކަންޖެހޭ ފައިސާއެއް ހުއްޓަސް އެދެވޭނެ: އަމީރު

އަލީ ޔާމިން

ކޮވިޑް 19އާ ގުޅިގެން ސަރުކާރުން އިއުލާންކޮށްފައިވާ ސްޓިމިއުލަސް ޕެކޭޖަށް އަންނަ ހަފްތާގައި ހުޅުވާލާނެ ކަމަށާއި މީރާއަށް ދައްކަންޖެހޭ ފައިސާއެއް ހުއްޓަސް ޕެކޭޖަށް އެދުމަށް ހުރަހެއް ނޯންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ގެއްލުންވި ވިޔަފާރިތަކަށް އެހީވުމަށް ސްޓިމިއުލަސް ޕެކޭޖަށް އަންނަ ހަފްތާގައި ހުޅުވައިލާނެ ކަމަށެވެ. އަދި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ(މީރާ)އަށް ދައްކަން ޖެހޭ ޖޫރިމަނާއެއް އޮތްކަމުގައިވިޔަސް އެ ޕެކޭޖަށް އެދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ސްޓިމިއުލަސް ޕެކޭޖު ބޭނުން ކުރުމުގެ ޝަރުތުތައް އޭގެ ކަންޑިޝަނަކަށް ނުލަން ޓެކްސް ކްލިއަރެންސެއް. އެހެންކަމުން މީރާގައި އަދި އެމީހަކު ދައްކަން ފައިންއެއް އޮތަސް ކޮވިޑް 19އާ ގުޅިގެން ގެއްލުންވާ ވިޔަފާރިތަކަށް މި ފެސިލިޓީގެ ތެރެއިން ލޯނު ހަމަޖެއްސިގެންދާނެ. އޭގެ އެޕްލިކޭޝަންގެ ސަރުތުރަކުގެ ތެރޭގައި ނުހިމެނޭނެ ޓެކްސް ކްލިއަރެންސެއް،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ކޮވިޑް 19ގެ ސަބަބުން ގެއްލުންވެފައިވާ ވިޔަފާރިތަކާއި ފަރާތްތަކަށް ބީއެމްއެލާއި އެސްޑީއެފްސީ މެދުވެރިކޮށް 1.5 ބިލިއަން ރުފިޔާގެ ލޯނު ދޫކުރެވޭނެ ސްޓިމިއުލަސް ޕެކޭޖެއް ތައާރަފްކޮށްފައެވެ. ސަރުކާރުން ބުނީ އެ ޕެކޭޖު ތައާރަފްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގައި މިހާރު ހުރި ވިޔަފާރިތައް ހިފެހެއްޓުން ކަމަށެވެ.

ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ އުފެއްދުންތެރިކަމާއި، ދައުލަތުގެ އާމްދަނީ ބޮޑުތަނުން ދަށަށް ދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ރާއްޖޭގެ އިގުތިސާދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް ބޭރުގެ ގައުމުތަކާއި މާލީ އިދާރާތަކުގެ ހިލޭ އަދި ލޯނު އެހީ ހޯދާނެ ކަމަށެވެ. އަދި ދައުލަތުގެ ހަރަދުތައްވެސް އިހުނަށްވުރެ ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ ނިންމާފައެވެ.