ޚަބަރު

ގާބިލުކަން އެބަހުރި، ހިލޭ އެހީ އާއި އެނޫން ގޮތް ގޮތުން ވެސް ބޭނުންވާ ފައިސާ ހޯދާނަން: އަމީރު

އަލީ ޔާމިން

ކޮވިޑް 19 އާގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ހިލޭ އެހީ އާއި އެނޫން ގޮތް ގޮތުން ވެސް ބޭނުންވާ ފައިސާ ހޯއްދަވާނެ ކަމަށާއި އެގާބިލުކަން އެބަހުރިކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ، މިއަހަރަށް ލަފާކުރި ދައުލަތުގެ އާމްދަނީން 12 ބިލިއަން ރުފިޔާ މަދުވާނެ ކަމަށެވެ. ނަމަވެސް ކޮވިޑް 19އާ ގުޅިގެން ކުރިމަތިވެފައިވާ އިގުތިސާދީ ހީނަރުކަމުން އަރައިގަތުމުގެ ގާބިލުކަން ސަރުކާރުގައި އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އެބަހުރި އެ ކެޕޭސިޓީ. ބޭރުގެ ފަރާތްތަކުން ހަމައެކަނި ލޯނެއް ނޫން، ހިލޭ އެހީގެ ގޮތުގައިވެސް ފައިސާ ހޯދާނަން. އަޅުގަނޑުމެންގެ އެ ކެޕޭސިޓީ އެބަހުރި،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ބަޖެޓު ޑެފިސިޓްް ފޫބެއްދުމަށް ބޭރުގެ ގައުމުތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އަދި ބޭރުގެ މާލީ އިދާރާތަކާއިއެކުވެސް މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރުވެސް ސެކިއާޑް ފަންޑް އެބަހުރި ކަމަށާއި، ނަމަވެސް އޭގެ ކަރުދާސް މަސައްކަތް އަދި ނުނިމޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިއަހަރު ބޭރުގެ ހިލޭ އެހީގެ ގޮތުގައި 150 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 50 މިލިއަން ޑޮލަރު މިހާރުވެސް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އުންމީދު މިކުރަނީ ވަރަށް އަވަހަށް ބާކީ 100 މިލިއަން ޑޮލަރުވެސް ހަމަޖެހިގެންދާނެ ކަމަށް،" މިނިސްޓަރު އަމީރު ވިދާޅިއެވެ.

މީގެ އިތުރުން މިނިސްޓަރު އަމީރު ވިދާޅުވީ، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އިހުނަށް ވުރެ ބޮޑު އިސްކަމެއް ދޭނެ ކަމަށާއި އެގޮތުން އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުގެ ހަރަދުތަކުން ސަލާމަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ. ދައުލަތުގެ ހަރަދުތައް ކުޑަކުރިނަމަވެސް ތަރައްގީގެ އެއްވެސް މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށްގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.