ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ދޭ ލޯނަށް އެއްވެސް ރަހުނެއް ބޭނުމެއް ނުވާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ބީއެމްއެލުން ނަގަނީ ސަރުކާރުގެ ސްޓިމިއުލަސް ޕެކޭޖުގެ އެއް ކޮމްޕޯނަންޓް ކަމަށާއި އެ ކޮމްޕޯނަންޓުގެ ދަށުން ލޯނު ދޫކުރެވޭނީ ރިސޯޓުތަކާއި ދިހަ މިލިއަނަށްވުރެ އާމްދަނީ މަތިން ލިބޭ ވިޔަފާރިތަކަށް ކަމަށެވެ. އަދި ގްރޭސް ޕީރިއަޑުގައި އެއްވެސް ޕްރިންސިޕަލެއް ނުވަތަ އިންޓަރެސްޓެއް ނުނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މި ކޮމްޕޯނަންޓުގެ ދަށުން ނަގާ ލޯނުތައް އަޅުގަނޑުމެން މިދެނީ އެއްވެސް ރަހުނަކާ ނުލައި. ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް. އެ ގްރޭސް ޕީރިއަޑުގައި ވެސް ޕްރިންސިޕަލެއް، އިންޓަރެސްޓެއް ދައްކާކަށް ނުޖެހޭނެ. އަދި އަޅުގަނޑުމެން އެ މުއްދަތުގައި އިންޓަރެސްޓަށް ޗާޖެއް ވެސް ނުކުރާނަން،" އޭނާ ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އެ ލޯނުތައް ދޫކުރަނީ ހަ ޕަސަންޓުގެ އިންޓަރެސްޓް ރޭޓުގައި ތިން އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ކަމަށާއި ރިސޯޓުތަކަށް އަދި ވިޔަފާރިތަކަށް ވެސް ލޯނު ދޫކުރާނެ އަދަދުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ ލޯނުތައް ދޫކުރާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިލީފް ޕެކޭޖެއް ތައާރަފުކޮށްފައެވެ. އެ ފަންޑުގެ ދަށުން ހުރިހާ ވިޔަފާރިތަކަށް ލުއިގޮތެއްގައި ލޯނު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ވެސް ސަރުކާރުން ވަނީ ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް ދިނުމަށް ނިންމައިފައެވެ. އޭގެ ތެރޭގައި ބޭންކުތަކުން ނަގާފަިއވާ ލޯނުތައް ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމާއި، އެޗްޑީއެފްސީން ނަގާފައިވާ ލޯނުތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުން ހިމެނެއެވެ. އަދި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާތަކަށް ވެސް ކަންތައްތަކެއްް ހަމަޖައްސައި ދިނުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.