ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލްގެ އަރިހަށް، އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ އާއި އަނބިކަނބަލުން ރިތީ މިޝްރާ، އިހުތިރާމްގެ ޒިޔާރާތެއް ކުރައްވައިފި އެވެ.
މިއަދު ހެނދުނު ރައީސް އޮފީހަށް ކުރެއްވި ޒިޔާރާތުގައި ކިލޭޝް މިޝްރާ އާއި އަނބިކަނބަލުން ރިތީ އަދި ނައިބު ރައީސްއާ ވަނީ ގިނަ ކަންތައްތަކަކަށް މަޝްވަރާކުރައްވައިފައެވެ.
އެގޮތުން ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި މިގުޅުން ކުރިއަށް އޮތްތާނގައި ވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަން ދެ ބޭފުޅުން ވަނީ ހާމަކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި އަކިލޭޝް ދެއްކެވި ވާހަކަފުޅުގައި އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ކާމިޔާބުކަމާއެކީ ފުރިހަމަކޮށްދިނުމުގައި، އިންޑިއާ އިން އެއްބާރުލުން ދެއްވާނެ ކަމަށް ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ތައުލީމީ، އަދި ފަންނީ ރޮނގުންނާއި އެހެނިހެން އިޖްތިމާއީ ރޮނގުތަކުން ރާއްޖެއަށް އެއްބާރުލުން ދެއްވާނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.