އަލީ ޔާމިން
ސަޕްލިމެންޓަރީ ބަޖަޓެއް ހުށަހަޅަންޖެހޭ ފަދަ ހާލަތަކަށް ގޮސްފިނަމަ އެކަން ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން މިއަހަރު 50 އިންސައްތަ އާއި 37 އިންސައްތައާ ދެމެދުގެ އަދަދަކަށް ދަށަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، ގައުމީ އުފެއްދުންތެރިކަންވެސް މިދިޔަ އަހަރާ ބަލާއިރު 5.7 އިންސައްތަ ދަށަށް ދާނެ ކަމަށެވެ. އަދި މިއަހަރު ދައުލަތަށް ލިބޭނެ ކަމަށް ކުރިން އަންދާޒާކުރި 30 ބިލިއަން ރުފިޔާއިން 12 ބިލިއަން ރުފިޔާ މަދުވާނެ ކަމަށް މިހާރު ލަފާކުރެވޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ގައުމުގެ އިގުތިސާދީ ހާލަތަށް ރިއާޔަތްކޮށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހިއްޖެ ނަމަ އެކަންވެސް ކުރައްވާނެ ކަމަށެވެ.
"ސަޕްލިމެންޓަރީ ބަޖަޓެއް ހުށަހަޅަންޖެހޭ ފަދަ ހާލަތަކަށް ގޮސްފިނަމަ އެކަން އަޅުގަނޑުމެން ކުރާނެ،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މިހާލަތަކީ ކުރިން އެއްގޮތަކަށް ވެސް އަންދާޒާކުރި ހާލަތެއް ނޫން ކަމަށާއި މުޅި ދުނިޔޭގެ އިގުތިސާދު ބަދަލުވެގެން ހިނގައްޖެ ކަމަށެވެ. އަދި ބަޖެޓުން މިހާރު ހަރަދު ކުރަމުން ގެންދަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްގެން ކަމަށާއި އެގޮތުން ދައުލަތުގެ ހަރަދުތަކުން އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކުރުމަށް މިހާރު ނިންމާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، މިހާރު ކުރިމަތިވެފައިމިވާ ހާލަތުން އަރައިގަތުމަށް އެތެރޭގެ އަދި ބޭރުގެ މާލީ އެހީ ހޯދާނެ ކަމަށާއި އެހީ ލިބޭނެ ގޮތްތައް އެބަހުރި ކަމަށެވެ.