ޚަބަރު

މަނާ ގަޑިތަކުގައި ބޭރުގައި އުޅޭ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނަން: ފުލުހުން

މަނާ ގަޑިތަކުގައި ބޭރުގައި އުޅޭ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ކޮވިޑް 19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މާދަމާއިން ފެށިގެން ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00އާ ދެމެދު މާލެ، ވިލިމާލެ އަދި ހުޅުމާލެ ސަރަހައްދުގައި މަގުމަތީގައި މީހުން އުޅުމާއި އަދި އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި އެނޫން ވަގުތުތަކުގައި ވެސް ތިން މީހުންނަށްވުރެ އިތުރަށް މީހުން މަގުމަތީގައި އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ.

ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ އެ ވަގުތުތަކުގައި މަގުމަތީގައި އުޅޭ މީހުންނަށް ނަސޭހަތްތެރިވެ، އެކަން ތަކުރާރުކުރާ މީހުން ޖޫރިމަނާކުރެވޭނެ ކަމަށެވެ.

"އޭޕްރީލް ދެވަނަ ދުވަހުން ފެށިގެން މާލެ، ވިލިމާލެ އަދި ހުޅުމާލެ ސަރަހައްދުތަކުގައި ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00އާ ދެމެދު ވަގުތު މަގުމަތީގައި އުޅޭ މީހުންނަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ފިޔަވަޅު އަޅަމުންގެންދާނެ ވާހަކަ ދަންނަވަން. މިގޮތުން މަގުމަތީގައި އުޅޭ ފަރާތްތަކަށް ނަސޭހަތްތެރިވެ، އެކަން ތަކުރާރުކުރާ ފަރާތްތައް ޖޫރިމަނާކުރެވޭނެ ވާހަކަ ވެސް ދަންނަވަން،" އޭނާ ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ މަގުމައްޗަށް ނުކުތުން މަނާ ގަޑިތަކުގައި ވަކި އިދާރާތަކެއް މިހާރު ވާނީ އިސްތިސްނާ ކުރެވިފައި، ނުވަތަ ވަކި ފަރާތްތަކެއް ދުއްވުމަށް އިސްތިސްނާކުރެވިފައި ކަމަށެވެ. އެ ފަރާތްތަކަށް މާލެއިން ނަމަ ޓޯޔާޑުން، ހުޅުމާލެއިން ނަމަ ޕޮލިސް މަރުކަޒުން އަދި ވިލިމާލޭގައި ވެސް ޕޮލިސް މަރުކަޒުން ވެހިކަލް ސްޓިކާ ދޫކުރަމުންގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިގޮތުން ސްޓިކާ ލިބިލައްވާ ފަރާތްތަކުގެ ތެރޭގައި ޓެކްސީ ސެންޓަރުތައް، ޕިކަޕް ސާވިސްތައް، މީޑިއާ ބޭފުޅުން، ޑެލިވަރީކުރައްވާ ފަރާތްތަކަށް، ކުންފުނިތަކަށް އަދި ގޭހާއި ފެން ފަރާތްތައް ވެސް މީގެ ތެރޭގައި ހިމެނިގެންދާނެ،" އޭނާ ވިދާޅުވިއެވެ.

އިސްތިސްނާވާ ފަރާތްތަކާއި އުޅަނދުތައް:

  • ސަލާމަތީ ބާރުތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
  • ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
  • ވެމްކޯގެ ޔުނީފޯމު އެޅި މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
  • އުރީދޫ، ދިރާގު، ބޭންކްތައް، އެސްޓީއޯ، ސްޓެލްކޯ، އެމްޑަބްލިޔުއެސްސީގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  • ދައުލަތުގެ (ޖީ ބޯޑު) ހަރުކޮށްފައިވާ އުޅަނދުފަހަރު.
  • ޑިޕްލޮމެޓިކް އުޅަނދުފަހަރު.
  • އެމްބިއުލަންސް.
  • އެންއީއޯސީގެ ފާސް ލިބިފައިވާ ފަރާތްތައް.
  • ފާމަސީތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްްވާ އުޅަނދުފަހަރު.
  • އެޗްޕީއޭއިން ދޫކުރާ ހާއްސަ ސްޓިކާ ޖަހައިފައިވާ އުޅަނދުތައް.