ޚަބަރު

ލޯނަށް ފައިސާ ދެއްކުން ފަސްކޮށްދިނުމަށް އެދުމުގެ ފުރުސަތު މާދަމާ ހުޅުވާލަނީ

ލޯނަށް ފައިސާ ދެއްކުން ފަސްކޮށްދިނުމަށް އެދުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ މިދިޔަ މަހުގެ 19 ވަނަ ދުވަހާ ހަމައަށް ލޯނު ނަގާފައިވާ މީހުންނަށް ލޯނަށް ފައިސާ ދެއްކުން ފަސްކޮށްދިނުމަށް އެދުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށެވެ.

ބޭންކުން މިއަހަރުގެ 19 މާޗްއާ ހަމައަށް ނަގާފައި ހުރި ލޯނުތައް، މީގެ ތެރޭގައި ޕާސަނަލް ލޯނު، ހައުސިން ލޯނު އަދި ބިޒްނަސް ލޯނުތައް ނަންގަވާފައި ހުރި ބޭފުޅުންނަށް އަޅުގަނޑުމެން މި ފުރުސަތު މާދަމާ ހުޅުވާލާނަން. މި މޮރޮޓޯރިއަމަކީ ނުވަތަ ލޯނަށް ދައްކަން ޖެހޭ ފައިސާ ފަސްކޮށްދިނުން، ރާއްޖޭގައި އެކަންޏެއް ނޫން މިކަން މިކުރަނީ. ދުނިޔޭގެ އެހެން ބައެއް ބޭންކުތަކުންނާއި ހާއްސަކޮށް ރީޖަނަލް ބޭންކުތަކުން ވެސް މިކަން ވަނީ ކޮށްފައި،" އޭނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ލޯނަށް ފައިސާ ދެއްކުން ފަސްކޮށްދިނުމަށް ނިންމާފައިވާނީ އެކައުންޓިން ސްޓޭންޑަޑްސް އަދި ފައިނޭންޝަނަލް ސްޓޭންޑަޑްސް އާއި އިންޓަނޭޝަނަލް ކޮރަސްޕޮންޑަންޓް ބޭންކުތަކާ އޮތް ގުޅުމަށް ރިއާޔަތްކުރުމަށްފަހު ކަމަށާއި އެކަންކަމަށް ރިއާޔަތްކުރުމަށްފަހު ލޯނު އަނބުރާ ފަސްކުރާ ފުރަތަމަ ހަ މަސްދުވަހު، އެކަމަށް އެދޭ ފަރާތްތަކުން ބޭންކަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ފުރުސަތު މިދެނީ ސެޕްޓެމްބަރުގެ ނިޔަލަށް ލޯނު އަނބުރާ ދެއްކުމަށް ފަސްކޮށްދިނުމުގެ ފުރުސަތަށް އެދި ހުށަހެޅުމަށް. އަޅުގަނޑުމެން މި ހުޅުވާލާ ތަނުން ހުށަހެޅި ކަމުގައިވިޔަސް، އަޅުގަނޑުމެން ދޭނަން. މާޗް މަހުގެ ރީޕޭމަންޓުތައް އަޅުގަނޑުމެން ރީފަންޑުކޮށްދޭނަން. ފުރަތަމަ ހަ މަސް ދުވަހަށްފަހު، ދެވަނަ ހަ މަސް ދުވަހު މިހާރު ލޯނު ނަންގަވާފައި ތިބި ބޭފުޅުން، އެބޭފުޅުން މަހަކަށް އެ ދައްކަވާ އަދަދުގެ 20 އިންސައްތަ މަދުން ދައްކަވަން ޖެހޭނީ،" އޭނާ ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ ލުއިތައް ދޭ 12 މަސް ދުވަހަށްފަހު ލޯނު އަނބުރާ ދައްކަން ފަށައިގަންނަ އިރު، ކަސްޓަމަރުންނަށް ވީހާވެސް ލުއި ދިނުމުގެ ގޮތުން ދެ ކަމެއް ހިމަނާފައިވާނެ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ ކޮމްޕައުންޑް އިންޓަރެސްޓް ނުނެގުމެވެ. އަދި ދެވަނަ ކަމަކީ ލޯނުގެ މުއްދަތު މިހާރު އޮތް މުއްދަތަށްވުރެ އިތުރު ހަ މަސް ދުވަސް އިތުރުވެގެންދިއުމެވެ.