ހޯމް މިނިސްޓަރު ކަމުގެ މަގާމަށް ގާނޫނާ ހިލާފަށް ހުވާކޮށް 15 ދުވަހު އެމަގާމުގައި ޝެއިޚް އިމްރާން އަބްދުﷲ ހުންނެވި މައްސަލަ ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު ކަމުން މިއަދު އިސްތިއުފާ ދެއްވި ޝެއިޚް އިމްރާން ވަނީ އެ މަގާމަށް އަލުން އައްޔަން ކުރައްވައިފައެވެ.
ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އިމްރާނަށް އެ މަގާމު ދިނުމާ ގުޅިގެން ސުވާލު އުފައްދަވައިފައެވެ.
"ޖިނާއީ ހުކުމެއް އޮތް މީހަކު ގާނޫނާ ހިލާފަށް ހޯމް މިނިސްޓަރު ކަމުގެ ހުވާކޮށް، ހޯމް މިނިސްޓަރުގެ ކޮޓަރި އާއި ފުލުހުންގެ އިދާރާއަށް ވަދެ އަމުރު މައުރޫފު ގާނޫނާ ހިލާފަށް ހިންގީ ކީއްވެ؟،" ނިހާން ސުވާލުކުރެއްވި އެވެ.
އިމްރާން ހޯމް މިނިސްޓަރު ކަމަށް މިދިޔަ މަހުގެ 17 ވަނަ ދުވަހު ހަމަޖެއްސުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ރައްދުވެފަ އެވެ. އެއީ އޭނާގެ މައްޗަށް ގާނޫނީ ހުކުމެއް އޭރު އޮވެ އެ ހުކުމް ތަންފީޒުކުރުން ފަސްކުރި ނަމަވެސް ހުކުމް ދެމިއޮތުމާ ގުޅިގެންނެވެ.
އެހެން ނަމަވެސް ސުޕްރީމް ކޯޓުން ފަހުން ވަނީ އެ ހުކުމް ބާތިލުވެސް ކޮށްފަ އެވެ.