އިނގިރޭސިވިލާތުން ރާއްޖެ އައި 45 މީހެއްގެ ސާމްޕަލް ނެގިފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ މެންދަމާ ހަމައަށް އިނގިރޭސިވިލާތުން ރާއްޖެއަށް އައިސްފައިވާ މީހުންގެ ތެރެއިން މިހާތަނަށް 45 މީހެއް ސާމްޕަލް ނަގާފައިވާ ކަމަށެވެ.
"14 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ރޭ މެންދަމާ ހަމައަށް ރާއްޖެއަށް އައިސްފައިވާ މީހުންގެ ތެރެއިން 45 މީހެއްގެ ސާމްޕަލް މިހާރު ވަނީ ނެގިފައި. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ 19 ވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތުން ރާއްޖެއަށް ދިވެއްސަކު އައިސްފައިވާ މީހުން މިހާރު ތިބޭނީ ކަރަންޓީނު ފެސިލިޓީތަކުގައި،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ އިނގިރޭސިވިލާތުން ރާއްޖެ އައި މީހުންނާ ގުޅޭގޮތުން ސާމްޕަލް ނެގުމުގެ މަސައްކަތްދާ އިރު، ވަރަށް ނޭދެވޭ ކަންތައްތަކެއް ހިނގާ ކަމަށާއި އެކި ގޮތްގޮތަށް، އެކި ގޮތަށް ފޮޓޯ ޖަހައިގެން ހަގީގަތް އޮޅުވާލައިގެން ވާހަކަތަކެއް ފަތުރަމުންދާ ކަމަށެވެ.
"މިގޮތަށް ފާހަގަކުރެވުނު ފޮޓޯތަކާއި އެ ދެއްކުނު ވާހަކަތައް އަޅުގަނޑު ބެލިން. އެއިން އެއްވެސް މައުލޫމާތަކީ ތެދަށް ދެއްކިފައި ހުރި ވާހަކައެއް ނޫންކަން މިހާރު ކަށަވަރުވޭ. އަޅުގަނޑު ދަންނަވާލަން ބޭނުން މިހާރުވެސް ކަރަންޓީނު ފެސިލިޓީތަކުގައި، އައިސޮލޭޝަން ފެސިލިޓީތަކުގައި އެބޭފުޅުން އެ ވިދާޅުވާ އެކި ފަންތިތަކުގެ ބޭފުޅުންނާއި، އެބޭފުޅުންގެ ދަރިންނާއި، ކެބިނެޓް މިނިސްޓަރުންގެ އާއިލާތައް ވެސް އެބަތިއްބެވި. މިކަމުގައި ދިވެހި ރައްޔިތުންގެ ސަލާމަތަށްޓަކައި އަޅުގަނޑުމެން ނާޅާނެ ފިޔަވަޅެއް ނޯންނާނެ. އަދި ވަކި މީހަކަށްވީތީ ލިބޭނެ އިސްތިސްނާއެއް ވެސް ނޯވެ. ހަމަ އެގޮތަށް އިރާދަކުރެއްވިއްޔާ އެ މަސައްކަތް ކުރަމުންދާނީ،" އޭނާ ވިދާޅުވިއެވެ.
ރާއްޖޭން ހަތަރު ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވް ވީ އިރު އެ ހަތަރު މީހުންނަކީ ވެސް އިނގެރޭސިވިލާތުން ރާއްޖެއަށް އައި މީހުންނެވެ.