މިއަދު ޕޮޒިޓިވްވި ދިވެހި މީހާއަކީ ރޭ އިނގިރޭސިވިލާތުން ރާއްޖެ އައި މީހެއް ކަމަށް ސަރުކާރުން ބުނެފިއެވެ.
ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ އެމީހާގެ ފަރާޓުން އަލާމާތްތައް ފެނިގެން އޭނާ ބެހެއްޓިފައި ހުރީ އައިސޮލެޝަނުގައި ކަމަށެވެ.
"ރޭގައި ވަޑައިގެންނެވި ބޭފުޅެއް. ވަޑައިގެންނެވި އިރު، ބަލީގެ އަލާމާތްތައް ފެންނަން ހުރީމައާ އެކީގައި އައިސޮލޭޝަންގައި ބެހެއްޓިފައި ހުރީ. އަދި މިހާރު މިވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވެފައި. ޕޮޒިޓިވްވި ހަތަރު ދިވެހިންގެ ހާލު ވެސް ރަނގަޅު،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި 15 މީހަކު އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސޮލޭޝަނުގައި ތިން މީހަކު އެބަތިބި ކަމަށާއި ކަރަންޓީނު ފެސިލިޓީތަކުގައި ޖުމްލަ 867 މީހަކު އެބަތިބި ކަމަށެވެ.
ރާއްޖޭން ހަތަރު ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވް ވީ އިރު އެ ހަތަރު މީހުންނަކީ ވެސް އިނގެރޭސިވިލާތުން ރާއްޖެއަށް އައި މީހުންނެވެ.