ކޮވިޑް-19 އާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތުގައި، އެ ސާވިސްގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ޓާސްކު ފޯހެއް އެކުލަވާލައިފިއެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އެކުލަވާލެއްވި ހެލްތު އެންޑް ސޭފްޓީ ޓާސްކް ފޯހަކީ މުޅި މުއައްސަސާގެ ހުރިހާ ޑައިރެކްޓަރޭޓްތައް ތަމްސީލު ކުރެވޭގޮތަށް އެކުލަވާލީ ޓާސްކު ފޯހެކެވެ.
ފުލުހުން ބުނީ، އެ ޓާސްކް ފޯހުގެ މައިގަނޑު މަގުސަދަކީ ކޮވިޑް 19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެވި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމަށް ޑައިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާ، ދެއްވާ އިރުޝާދުތަކާ ގުޅިގެން ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އަދި ފުލުހުންގެ މަސައްކަތަށް ގެނެވިފައިވާ ބަދަލުތަކާއި އަދި ކުރިއަށް އޮތްތަނުގައި ވެސް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެކަންކަން ތަންފީޒުކުރުން ކަމަށެވެ.
އޭގެ އިތުރުން، “އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހެޅުމާއި ހުށަހެޅޭ މައްސަލަތައް ތަހުގީގު ކުރުމުގެ އުސޫލު” އާއި “އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އަންގާ ކަންކަން ތަންފީޒު ކުރުމުގައި ފުލުހުން އަމަލުކުރަންވީ ގޮތުގެ އުސޫލު" އަދި “ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއްގައި، ގައިންގަޔަށް ފަސޭހަކަމާއެކު އަރާ ބައްޔެއް ފެތުރެމުންދާ ވަގުތެއްގައި ޕޮލިސް ކަސްޓަޑީ އިން އަމަލުކުރާނެ ގޮތުގެ އުސޫލު” ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވަނީ އާންމު ކުރައްވައިފައެވެ.