ޚަބަރު

ސްރީލަންކާގައި ތިބި ބިދޭސީންގެ ވިސާ އަންނަ މަހުގެ 12އަށް އިތުރުކޮށްދީފި

އަލީ ޔާމިން

ކޮވިޑް 19އާ ގުޅިގެން ސްރީލަންކާގެ ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް ހަރުދަނާކޮށްފައިވާތީ، އެގައުމުގައި މިވަގުތު ތިބި ބިދޭސީންނަށް ލިބިފައިވާ ހުރިހާ ކެޓަގަރީއެއްގެ ވިސާ އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރަން އެގައުމުން ނިންމާފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ވިސާގެ މުއްދަތު އިތުރު ކޮށްފައިވާ ފަރާތްތައް، އެކަމަށް ދައްކަންޖެހޭ ފީ ދެއްކުމަށާއި ޕާސްޕޯޓްގައި އެކަމާއި ގުޅުންހުރި ސްޓޭމްޕް ޖެހުމަށްޓަކައި، ކުރިން އަންގާފައި އޮތް ގޮތަށް ލަންކާގެ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަންގެ ވިސާ ޑިވިސަނަށް ނުދިއުމަށް އެގައުމުން އިލްތިމާސްކުރާ ކަމަށެވެ.

އޭގެ އިތުރުން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ލަންކާއިން ފުރަން ގަސްދުކުރާނަމަ، ވިސާ ފީ އެއާޕޯޓުން ދެއްކޭނެކަން އެގައުމުގެ ސަރުކާރުން އަންގާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ވިސާގެ މުއްދަތު އިތުރުކުރަން ހުށަހަޅާފައިވާ ފަރާތްތަކަށް ދޫކޮށްފައިވާ "އެކްނޮލެޖްމެންޓްތަކުގެ" މުއްދަތު ވެސް އަންނަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށާއި ނަމަވެސް އެ ތާރީހުގެ ކުރިން ފުރަން ގަސްދުކުރާނަމަ، "އެކްނޮލެޖްމެންޓް"ގެ ކޮޕީއަކާއި ދަތުރުކުރަން ހަމަޖެހިފައިވާ ޓިކެޓުގެ ކޮޕީއެއް އެޓޭޗްކޮށް، ޕާސްޕޯޓު އަނބުރާ ހޯދުމަށް އެދި ތިރީގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެސްތަކަށް އީމެއިލް ކުރުމަށް އަންގާފައިވާ ކަމަށެވެ.

[email protected]

[email protected]

[email protected]

[email protected]

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް +94771588724 އާ ގުޅުމަށް އެގައުމުގެ ސަރުކާރުން އެދެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް 19އާ ގުޅިގެން ލަންކާއިން އަޅަމުން އަންނަ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާތީ މި ދުވަސްތަކުގައި އެގައުމަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން އެކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށް ވެސް މިނިސްޓްރީން އެދެއެވެ.

އޭގެ އިތުރުން މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށާއި ލަންކާގައި މިވަގުތު ތިބި ދިވެހި ރައްޔިތުން އެގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށް ވެސް ފޮރިން މިނިސްޓްރީން އިލްތިމާސްކުރެއެވެ.