އަލީ ޔާމިން
މިއަހަރު އޯ ލެވެލް އިމްތިހާނު ހަދާ ދަރިވަރުންގެ ދަތިތަކަށް ހައްލު ހޯދައިދޭން، ކެމްބްރިޖް ޔުނިވާސިޓީއާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން މިއަދު ބުނެފިއެވެ.
ކޮވިޑް 19އާ ގުޅިގެން ކެމްބްރިޖް ޔުނިވާސިޓީން ވަނީ މެއި އަދި ޖޫން މަހުގެ އިމްތިހާނުތަކާއި އެޑެކްސެލްގެ މެއި އަދި ޖޫން މަހުގެ އޭ ލެވެލް އިމްތިހާނު ފަސްކޮށްފައެވެ.
ޑީޕީއީ ހިންގެވުމާ ހަވާލުވެ ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން "ވަން"އަށް ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ސްކޫލުތައް ބަންދުކޮށްފައި ހުރުމުން އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރަނީ މިއަހަރު އޯލެވެލް އަދި އޭލެވެލް އިމްތިހާނު ހަދާ ދަރިވަރުންނަށް ކަމަށެވެ.
އިހުސާން ވިދާޅުވީ، އޯ ލެވެލް އިމްތިހާނު ހަދާ ދަރިވަރުންނަށް ދިމާވާނެ ދަތިތަކަށް ހައްލެއް ހޯދުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް އަދި އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެން މި އަންނަނީ އެޅިދާނެ ފިޔަވަޅުތަކަކާ ބެހޭގޮތުން ކެމްބްރިޖްގެ ބޭފުޅުންނާއެކު މަޝްވަރާކުރަމުން. ނަމަވެސް މިހާތަނަށް އަދި އެއްވެސް ނިންމުމެއް ނިންމާފައެއް ނުވޭ. އަޅުގަނޑުމެން މި އުންމީދު ކުރަނީ މިކަމުގައި ވަކި ގޮތެއް ނިންމުމަށް އަދި ހަފްތާއެއް ވަރު ނަގާނެ ކަމަށް،" އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ، މިއަހަރު އޯ ލެވެލް އިމްތިހާނު ހަދާ ދަރިވަރުންގެ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ޑީޕީއޭއިން ފިޔަވަޅު އެޅުން ލަސްވަނީ ކޮވިޑް 19ގެ ހާލަތު މާދަމާވެސް އޮންނާނެ ގޮތެއް ނޭނގޭތީ ކަމަށެވެ. ކޮވިޑް 19އާ ގުޅިގެން ސްކޫލުތައް ނުހުޅުވި ދިގުލައިގެން ހިނގައްޖެ ނަމަ އޯ ލެވެލް އިމްތިހާނު ފަސްކުރަން ޖެހިދާނެ ކަމަށް، ތައުލީމީ ދާއިރާގެ މާހިރުން ވިދާޅުވެއެވެ.
ކޮވިޑް 19 އިން ރައްކާތެރިވުމަށް ސަރުކާރުން ވަނީ ދެ ހަފުތާއަށް ސަރުކާރު އޮފީސްތައް ބަންދުކޮށް ސްކޫލުތަކާއި ކޮލެޖު/ޔުނިވާސިޓީތައްވެސް ބަންދުކޮށްފައެވެ. ރާއްޖޭގައި ސްކޫލުތަކާއި ކޮލެޖު/ ޔުނިވާސިޓީތައް ބަންދުކޮށްފައިވާއިރު އޮންލައިންކޮށް ދަރިވަރުންނަށް ކިޔަވައިދިނުމުގައި އަދިވެސް ދަތިތަކާ ކުރިމަތިވާކަމަށް އިހުސާން ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލައަށް ހައްލެއް ހޯދުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި މިއަހަރު 5،000 އަށްވުރެ ގިނަ ދަރިވަރުން އޯލެވެލް އިމްތިހާނު ހެދުމަށް ހަމަޖެހިފައިވެއެވެ.