ޚަބަރު

މަގު ބަންދުކުރުމުގެ ހުއްދަ ދޫކުރުމާއި ބަލައިގަންނަ ގަޑިތަކަށް މާލޭ ސިޓީ ކައުންސިލުން ބަދަލު ގެނެސްފި

އަލީ ޔާމިން

މަގު ބަންދުކުރުމުގެ ހުއްދައާއި މަގުމަތީގައި މަސައްކަތްކުރުމުގެ ހުއްދަ އާއި ބޯޑު ދޫކުރުމާއި ބަލައިގަންނަ ގަޑިތަކަށް މާލޭ ސިޓީ ކައުންސިލުން ބަދަލުތަކެއް ގެނެސްފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އެ އެޖެންސީން ވަކިގޮތަކަށް އަންގަންދެން އާންމު ހިދުމަތްތަކާ ބެހޭ ބައިން ދޫކުރަމުންގެންދާ މަގު ބަންދުކޮށްގެން މަސައްކަތް ކުރުމުގެ ހުއްދަ އާއި ބޯޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއަކު ހޮނިހިރު، ހޯމަ އަދި ބުދަ ދުވަހުގެ ހެނދުނު 08:00 އިން 12:00 އަށް ކަމަށެވެ.

މީގެ އިތުރުން މަގު ބަންދުކުރުމުގެ ހުއްދައާއި މަގުމަތީގައި މަސައްކަތްކުރުމުގެ ހުއްދަތަކަށް ބޯޑު ދޫކުރާނީ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ ހެނދުނު 08:00 އިން 12:00 އަށް ކަމަށާއި އަދި ބޯޑު ބަލައިގަތުން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 08:00 އިން 12:00 އަށް ކުރިއަށްދާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، ސޮއިކުރައްވައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ދަންވަރު ނެރުނު ބަޔާނުގައި ބުނީ މާދަމާއިން ފެށިގެން ކޮންމެ ދުވަހަކު ހަވީރު 5:00 އިން ފެށިގެން ހެނދުނު 6:00 އާ ދެމެދު މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކުރުމަކީ މަނާކަމެއް ކަމަށެވެ.