ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަރުދުންގެ އަތުން އިންކަމް ޓެކްސް ނަގަން މިއަދު ފަށައިފިއެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ މިއަދުން ފެށިގެން މުސާރަ އާއި ލިބޭ އިނާޔަތްތަކުން ޓެކްސް ނަގަން ފަށާ އިރު މި ޓެކްސް ނަގާނީ 60،000ރ. އަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުން ކަމަށެވެ.
އިންކަމް ޓެކްސްއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ ހުށަހެޅީ މަހެއްގެ މައްޗަށް 40،000ރ. އަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުން ނެގުމަށެވެ. ނަމަވެސް އެކަން މަޖިލީހުން ވަނީ ބަދަލުކޮށްފައެވެ.
މަހެއްގެ މައްޗަށް 60،000ރ. އަށްވުރެ ބޮޑު، 100،000ރ. ނުވަތަ އެއަށްވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި 5.5 ޕަސެންޓް ނަގާއިރު 100،000ރ. އަށްވުރެ ބޮޑު، 150،000ރ. ނުވަތަ އެއަށްވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކުހުގެ ގޮތުގައި ނަގާނީ އަށް ޕަސެންޓެވެ. އަދި، 150،000ރ. އަށް ވުރެ ބޮޑު، 200،000ރ. ނުވަތަ އެއަށްވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި 12 ޕަސެންޓު ނަގާއިރު އާމްދަނީ 200،000ރ. އަށްވުރެ މަތި ނަމަ، ނަގާނީ 15 ޕަސެންޓެވެ.
ރައްޔިތުންގެ މަޖިލީހުން ވަނީ ކުންފުނިތަކުގެ ޑިވިޑެންޑުން ޓެކްސް ނުނަގަން ނިންމައިފައެވެ. ކުންފުނިތަކުގެ ޑިވިޑެންޓުގެ ގޮތުގައި ބޮޑު އާމްދަނީއެއް އެ ކުންފުނިތަކަށް ލިބެއެވެ.
މީރާއިން ބުނީ މަހުން މަހަށް ކަނޑާ އުސޫލުން އިންކަމް ޓެކްސް ދައްކާނަމަ އަންނަ މަހުގެ 15 ގެ ކުރިން ޓެކްސް އަށް ވާ ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ. އަދި އިންޓެރިމް ޕޭމެންޓްގެ ގޮތުގައި ދައްކަން ޖެހޭ ފުރަތަމަ ޕޭމެންޓް އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހަށް ހަމަވާ އިރު ދެވަނަ އިންޓެރިމް ޕޭމެންޓްގެ މުއްދަތު ހަމަވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ކަމަށާއި ތިންވަނަ އިންޓެރިމް ޕޭމެންޓްގެ މުއްދަތު ހަމަވަނީ 30 ޖޫން، 2021 ގައި ކަމަށް މީރާއިން ބުނެއެވެ.
އިންކަމް ޓެކްސްގެ ގާނޫނޫގެ ދަށުން މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީ ނޫން އެހެން ހުރިހާ އާމްދަނީއަކުން ޓެކްސް ނަގަން ފެށީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.