ޚަބަރު

ސަފާރީތަކުގެ މުވައްޒަފުންގެ ވަޒީފާތަކަށް ގަވާއިދާ ހިލާފަށް ބަދަލު ނުގެނައުމަށް އެންބީއޭއެމް އިން ގޮވާލައިފި

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 އާ ގުޅިގެން ސަފާރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަޒީފާތަކަށް ގަވާއިދާ ހިލާފަށް ބަދަލު ގެންނަމުންދާތީ އެކަން އެގޮތަށް ނުކުރުމަށް، ސަފާރީތައް އޮފަރޭޓުކުރާ ފަރާތްތަކަށް ކިބައިން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ގޮވާލައިފިއެވެ.

އެންބީއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސަފާރީތައް އޮޕަރޭޓުކުރާ ބައެއް ފަރާތްތަކުން ގާނޫނާއި ހިލާފަށް މުވައްޒަފުންނަށް ނޯޕޭ ލީވް ނެގުމަށް މަޖުބޫރު ކުރުވުމާއި މުސާރަ ކުޑަ ކުރުމާއި ވަޒީފާއިން ވަކި ކުރާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

ނަމަވެސް މިދަތި އުނދަގޫ ދަނޑިވަޅުގައި އެކަން އެގޮތަށް ނުކުރުމަށް އެދޭ ކަމަށާއި އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި އެހެނިހެން ކަމާއި ގުޅުންހުރި ފަރާތްތަކާ ބައްދަލުކޮށް އެކި ގޮތް ގޮތުން އެހީތެރިކަން ލިބޭނެ ގޮތްތައް ހޯދުމަށް އެ އެސޯސިއޭޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށް ބަޔާނުގައިވެއެވެ.

އެންބީއޭއެމުން އިތުރަށް ބުނީ، މިހާލަތާ ގުޅިގެން ގަވާއިދާ ހިލާފަށް ވަޒީފާއަށް އެއްވެސް ބަދަލެއް ގެންނަނަމަ ޖޮބު ސެންޓަރަށް /https:\\jobcenter.mv އަށް އެކަން ރިޕޯޓު ކުރުމަށް އެދޭ ކަމަށެވެ. އަދި ބޯޓު އޮޕަރޭޓަރުން ވެސް އެކުންފުނިތަކުގެ މުވައްޒަފުންގެ ވަޒީފާގެ ހާލަތަށް ބަދަލެއް ގެނައުމުގެ ކުރިން އެކަން ލޭބާ ރިލޭޝަން އޮތޯރިޓީއަށް އަންގައި ދިނުމަށް ވެސް އެ އެސޯސިއޭޝަނުން އެދިފައިވެއެވެ.