ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު އެއް މަހުގެ ރިސެސްއަށް ހިނގައްޖެ އެވެ.
މިއަދުން ފެށިގެން ސުޕްރީމް ކޯޓު އެއްމަހަށް ރިސެސްއަށް ގޮސްފައިވާއިރު ކޯޓުތަކުގެ ގާނޫނުގައި ބުނާގޮތުން އެ ކޯޓުގެ މަސައްކަތް އަލުން ފަށާނީ އަންނަ މަހުގެ ތިންވަނަ ދުވަހުގައެވެ.
ކޯޓުތަކުގެ ގާނޫނުގައި ބުނާގޮތުގައި ސުޕްރީމް ކޯޓުގެ ރިސެސްގެ މުއްދަތަކީ ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ފަހު ހަފުތާގެ ރަސްމީ ފަހު ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ރަސްމީ ފުރަތަމަ ދުވަހެވެ.
ސުޕްރީމް ކޯޓު ރިސެސްއަށް ދިޔަ ނަމަވެސް ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން ވަކި މުއްދަތެއްގައި ނިންމަންޖެހޭ މައްސަލަތައް ނިންމުމަށް އަޑުއެހުންތައް ބޭއްވުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ.
އަދި ސުޕްރީމް ކޯޓު ރިސެސްއަށް ގޮސްފައި އޮއްވައި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި ނަމަ ރިސެސް ނިމޭނެއެވެ.
މިއަދު ސުޕްރީމް ކޯޓު ރިސެސްއަށް ދިޔައިރު ސިވިލް ކޯޓު ވަނީ އިއްޔެ ރިސެސްއަށް ގޮސްފައެވެ.