ގއ. ދާންދޫ ހޮޓަލެއްގެ ތެރޭ ހިނގި ޒުވާބެއްގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުން ދިވެއްސަކާއި ބަންގްލަދޭޝް މީހަކު ޒަހަމް ވެއްޖެ އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މާރާމާރީގައި އެ ދެމީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައި ވެއެވެ. ނަމަވެސް މި ދެމީހުނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ހިއްސާއެއް ނުކުރެއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ 21:50 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެ ހާދިސާގެ މައުލޫމާތު ލިބިގެން ފުލުހުން އެސަރަހައްދަށް ދިޔަ އިރު 31 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށް އަނިޔާ ވުމުގެ ސަބަބުން އެރަށު ހެލްތު ސެންޓަރަށް ގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން މި މައްސަލައިގެ ތުހުމަތު ކުރެވޭ ދިވެހި މީހާއަށް އަނިޔާ ލިބިފައި ވުމުން އެމީހާ ޑޮކްޓަރަށް ގެންގޮސްފައި ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.