މާދަމާ މެންދުރު 12ގެ ފަހުން، ކާފިއުގެ ވަގުތުގައި ނޫނަސް އެއްފަހަރާ ތިންމީހުނަށްވުރެ ގިނައިން ބޭރުގައި އުޅުން މަނާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން މިކަން އަންގާފައިވަނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުނު ބަޔާނެއްގައެވެ.
މި ބަޔާނުގައި އޭޕްރީލް ދެވަނަ ދުވަހު (މާދަމާ)ގެ ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އާ ދެމެދު މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި އުޅަނދުފަހަރު ދުއްވުމާއި، މީހުން އުޅުން ހުއްޓާލުމަށް ވަނީ އަންގާފައެވެ.
އެ ގަޑިތަކުގައި، ޕަބްލިކް ޓްރާންސްޕޯޓު (ބަހާއި ފެރީ)ގެ ހިދުމަތް ހުއްޓާލުމަށްވެސް ވަނީ އަންގައިފައެވެ. އަދި އެހެނިހެން ގަޑިތަކުގައިވެސް އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނައިން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށް އަންގާ ކަމަށް ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ބުނީ، މާލޭ ސަރަހައްދަށް މާދަމާއިން ފެށިގެން ކޮންމެ ދުވަހަކު ތިން ގަޑިއިރަށް ކާފިއު އިއުލާނު ކުރިނަމަވެސް ބައެއް ފަރާތްތަކާއި، އުޅަނދުފަހަރު ދުއްވުން ހުއްދަވާނެ ކަމަށެވެ.