ކާފިއުގެ ހާލަތުގައިވެސް ގާނޫނު އަސާސީންގައި ބުނާ ފުރިހަމަ މިނިވަންކަން މީޑިއާއަށް ކަށަވަރު ކޮށްދޭނެ ކަމަށް ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.
ކޮވިޑް 19ގެ ސަބަބުން، ސަރުކާރުން ވަނީ މާލޭ ސަރަހައްދުގައި މާދަމައިން ފެށިގެން ކޮންމެ ދުވަހަކު ތިން ގަޑިއިރަށް ކާފިއު ހިންގަން ނިންމާފައެވެ. މިއެއީ ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 08:00 އަށެވެ. މި ވަގުތުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުން މަނާވާނެ އެވެ. ހުއްދަ ވާނީ އެ ހާލަތުގައި އިސްތިސްނާކޮށް ހުއްދަ ލިބޭ ފަރާތްތަކަށް އެކަންޏެވެ.
މިކަމާ ގުޅިގެން މަބުރޫކު ވިދާޅުވީ މި ހާލަތުގައިވެސް މީޑިއާއަށް ކަށަވަރުކޮށްދޭން ޖެހޭ މިނިވަންކަން ކަށަވަރު ކޮށްދޭނެ ކަމަށެވެ. އަދި ފުލުހުންނާއި މީޑިއާ ކައުންސިލާއި ގުޅިގެން މީޑިއާގެ ވެހިކަލް ތަކާއި މީހުންނަށް ބޭނުންވާ ހުއްދަތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި މާދަމައިން ފެށިގެން ކާފިއު ހިންގަން ނިންމާފައިވާކަން ސަރުކާރުން އިއުލާނު ކޮށްފައިވާއިރު، މި ސަރަހައްދުގައި އިމާރާތް ކުރުން މަނާ ގަޑިތަކެއްވެސް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އަދި ފިހާރަތަކާއި ޓޭކްއަވޭ ހިދުމަތް 24 ގަޑިއިރު ދިނުން ވެސް ވަނީ މަނާ ކޮށްފައެވެ.
ގާނޫނު އަސާސީގައި، ކުއްލި ނުރައްކަލުގެ ހާލަތު ބަޔާންކޮށްފައިވާ 11 ވަނަ ބާބުގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނުހިފެހެއްޓޭނެ ކަމަށެވެ.