ޚަބަރު

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އިމާރާތްކުރުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

އަލީ ޔާމިން

ކޮވިޑް 19 އާ ގުޅުގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އިމާރާތްކުރުން މަނާ ގަޑިތަކެއް ކަނޑައަޅައިފިއެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، ސޮއިކުރައްވާ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ މާލެއާއި، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭގޮތަށް އިމާރާތްކުރުން މަނާ ގަޑިތަކެއް ކަނޑައަޅައިފައިވާ ކަމަށެވެ.

އެގޮތުން ކޮންމެ ދުވަހަކު ހަވީރު 5:00 އިން ފެށިގެން ހެނދުނު 6:00 އާއި ދެމެދު އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށް ބަޔާނުގައި ވަނީ އަންގާފައެވެ.

މީގެ އިތުރުން އެޗްޕީއޭ އިން ވަނީ މާލެ ސަރަހައްދުގެ ފިހާރަތައް ރޭގަނޑު 11:00 އިން ހެނދުނު 6:00 އަށް ހުޅުވުން މަނާކޮށް، ހުރިހާ ހޮޓާ ރެސްޓޯރެންޓް އަދި ކެފޭތަަކާއި، ޓޭކްއަވޭގެ ހިދުމަތްދޭ އެންމެހާ ތަންތަން ރޭގަނޑު 12:00 އިން ހެނދުނު 6:00 އަށް ހިންގުން މަނާކޮށްފައެވެ.

އެޗްޕީއޭއިން ވަނީ މާދަމާއިން ފެށިގެން މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ތިން ގަޑިއިރަށް ކާފިއު ހިންގަންވެސް ނިންމައިފައެވެ.

އެޗްޕީއޭއިން މި ފިޔަވަޅުތައް އަޅާފައިމިވަނީ ރާއްޖޭގައި ކޮވިޑް 19 ޖެހޭ މީހުން އިތުރުވުމުގެ ފުރުސަތު އޮތް ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބުނެފައިވަނިކޮށެވެ.

ސަރުކާރުން މިއަދު ވަނީ ސަރުކާރުގެ އޮފީސްތަކާއި، ސްކޫލުތަކާއި ކޮލެޖު އަދި ޔުނިވާސިޓީތައްވެސް އިތުރު އެއް ހަފްތާއަށް ބަންދުކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް 19 އަށް 18 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރޭގައި ތިން ދިވެހިންވެސް ހިމެނެއެވެ. އަދި ރާއްޖެއިން ފުރި އިޓަލީގެ ދެ ފަތުރުވެރިޔަކު ކޮވިޑް 19އަށް ޕޮޒިޓިވްކަން އެނގުނީ އިޓަލީއަށް ދިއުމުގެ މަގުމަތީގައި ވަނިކޮށެވެ.