ޚަބަރު

ރައީސް ނަޝީދު އިނގިރޭސި ވިލާތުން އެނބުރި ރާއްޖެ ވަޑައިގަތީ މާޗް 14 ގައި، ކޮވިޑް 19 އަށް ޓެސްޓު ކުރާނެ

އަމިއްލަފުޅު ދަތުރުފުޅެއްގައި އިނގިރޭސި ވިލާތަށް ވަޑައިގަތުމަށްފަހު މާޗު 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންފައިވާތީ ކޮވިޑް 19 އަށް ޓެސްޓު ކުރާނެއެވެ.

ރައީސް ނަޝީދު ކޮވިޑް 19 އަށް ޓެސްޓު ކުރަނީ އިނގިރޭސި ވިލާތުން ރާއްޖެ އައި ތިން ދިވެހިން ރާއްޖޭގައި އެކަހެރިކޮށްފައި ތިއްބައި އެ ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް މިމަހުގެ 14 އިން 19 އަށް އިނގިރޭސި ވިލާތުން ރާއްޖެ އައި މީހުންގެ ކޮންޓެކްޓް ސްކްރީނިން ހަދައި ޓެސްޓުކުރަން ސަރުކާރުން ފަށާފައިވާތީއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ 11 އިން 14 އަށް ރައީސް ނަޝީދު އަމިއްލަފުޅު ދަތުރުފުޅެއްގައި އިނގިރޭސި ވިލާތަށް ވަޑައިގެން ކަމަށެވެ.

ރައީސް ނަޝީދު އެ ދަތުރުފުޅު ކުރެއްވިއިރު ކޮވިޑް 19 އިން ރައްކާތެރިވުމަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި އިނގިރޭސި ވިލާތުން ރާއްޖެއަށް އަންނަ މީހުން ބައްޔަށް ޓެސްޓުކުރަން ނިންމާފައިނުވާ ކަމަށާއި އަދި އިނގިރޭސި ވިލާތާ ގުޅޭގޮތުން އެފަދަ ޓްރެވަލް އެޑްވައިޒަރީ އެއްވެސް ނެރެފައިނުވާ ކަމަށް ބަޔާނުގައިވެއެވެ.

"އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުންނެވީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެދިވަޑައިގަންނަވާ ގޮތަކަށް އަމަލުކުރެއްވުމަށް ތައްޔާރަށެވެ،" މަޖިލީހުން ނެރުނު ކުރު ބަޔާނުގައި ބުނެފައިވެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ، މިމަހުގެ 14 އިން 19 ވަނަ ދުވަހާ ދެމެދު ރާއްޖެ އައިސްފައިވާ އެންމެން އަދި އެމީހުންނާ ކޮންޓެކްޓިވ މީހުން ކޮވިޑް 19 އަށް ޓެސްޓުކުރާނެ ކަމަށެވެ.

އެގޮތުން ބަލީގެ އަލާމާތެއް ފެނުނު ނަމަވެސް އަދި ނުފެނުނު ނަމަވެސް ޓެސްޓު ހަދާނެ ކަމަށް ވިދާޅުވިއެވެ.

މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުން އަންނަ ހުރިހާ ދިވެހިން ކަރަންޓީނުކުރަން ސަރުކާރުން ވަނީ ފަށައިފައެވެ. އަދި ސަރުކާރުން ވަނީ ކަރަންޓީން ފެސިލިޓީތަކުގައި ތިބި އެންމެންވެސް ކޮވިޑް 19އަށް ޓެސްޓް ކުރުމަށްވެސް ނިންމައިފައެވެ.