އަލީ ޔާމިން
ކޮވިޑް 19އާ ގުޅިގެން މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ ކަސްޓަމަރުންނަށް ބައެއް ކަހަލަ ލުއިތައް ދެވޭނެ އުސޫލުތަކެއް އެ ބޭންކުން ކަނޑައަޅައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިމަހުގެ 26 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން މި ދަނޑިވަޅުގައި އާއްމު ރައްޔިތުންނާއި ވިޔަފާރިތަކަށް ލުއި ގޮތްތައް ފޯރުކޮށްދިނުމަށް ރާއްޖޭގައި ހިންގަމުން އަންނަ ހުރިހާ ބޭންކުތަކެއްގެ އިސްވެރިންނާ ރާއްޖޭގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމް ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމްއައިބީން މިރޭ ކޮށްފައިވާ އިއުލާނެއްގައި ބުނީ، ސަރުކާރުންނާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އިއުލާނުކޮށްފައިވާ ސަޕޯޓު ޕްލޭންއާ އެއްގޮތްވާ ގޮތުގެ މަތިން އެ ބޭންކުގެ ކަސްޓަމަރުންނަށް އުސޫލުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން އިސްލާމިކް ބޭންކުގެ ވިޔަފާރިއާ ގުޅޭ އެކި ފައިނޭންސިން ފެސިލިޓީތައް ނަގާފައިވާ ކަސްޓަމަރުން ކޮވިޑް 19 ސަޕޯޓް އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށް ފަހު [email protected] އަށް މެއިލް ކުރުމުން، ބޭންކުގެ ބިޒްނަސް ޓީމުތަކުން އެ ފަރާތްތަކާއި މަޝްވަރާކޮށް، އަދި އިންޓާނަލް އެސަސްމަންޓެއް ހެދުމަށް ފަހު އެންމެ އެކަށޭނަ ލުއި ގޮތްތަކެއް ކޮންމެ ފަރާތަކަށްވެސް ވަކިވަކިން ހަމަޖެއްސުމުގެ މަސައްކަތްކުރިއަށް ގެންދާނެ ކަމަށް އެ ބޭންކުން ބުނެއެވެ.
ރީޓެއިލް އަދި ކޮންޒިއުމާ ފައިނޭންސިން ފެސިލިޓީތައް ނަގާފައިވާ ކަސްޓަމަރުންވެސް ކޮވިޑް 19 ސަޕޯޓް އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށް ފަހު [email protected] އަށް މެއިލް ކުރުމުން، ކޮންމެ އެޕްލިކޭޝަނެއް ވަކިވަކިން އިވޭލުއޭޓްކޮށް ކުރިއަށްދާންވީ ގޮތް ކަސްޓަމަރުންނަށް އަންގަމުންދާނެ ކަމުގައިވެސް އެމްއައިބީން ބުނެއެވެ. އަދި އެޕްލިކޭޝަން ފޯމު ހުށަހަޅާއިރު ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމެއް ފުރިހަމަކުރުމަށްވެސް އެމްއައިބީން އެދެއެވެ.
އެމްއައިބީން ބުނީ ކޮވިޑް 19 ސަޕޯޓް އެޕްލިކޭޝަން ފޯމު އެ ބޭންކުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ކޮވިޑް 19ގެ ހާލަތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ސަރުކާރުން އަންގާ އެންގުންތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް އެމްއައިބީން ވަނީ އެ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.
ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ބައެއް މާލީ އިދާރާތަކުން މިހާރުވެސް ވަނީ ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިފައެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެލްއެލް)އިން ވަނީ އެ ބޭންކުގެ ޕާސަނަލް، ހައުސިން އަދި ބިޒްނަސް ލޯނުތަކަށް ފައިސާ ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްފައެވެ. އަދި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން ދޫކޮށްފައިވާ ލޯނުތަކާއި އޭގެ އިންޓްރެސްޓް އަނބުރާ ދެއްކުންވެސް ހަމަސް މަސްދުވަހަށް ވަނީ ފަސްކޮށްފައެވެ.