އަލީ ޔާމިން
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުންނާއި މުވައްޒަފުން މާދަމާއިން ފެށިގެން ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
ޖޭއެސްސީން އޯޑިއޯ ވީޑިއޯ ކޮންފަރެސް މެދުވެރިކޮށް މިއަދު ބޭއްވި އެ ކޮމިޝަންގެ މިއަހަރުގެ 25 ވަނަ ބައްދަލުވުމުގައި ވަނީ ކޮވިޑް 19އާ ގުޅިގެން މިމަހުގެ 12 ވަނަ ދުވަހު ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ، ޖޭއެސްސީގެ މަސައްކަތްތައް މެދުނުކެނޑޭނެ ގޮތަށް ގެންދެވޭނެ ގޮތަކީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ނިންމައިފައެވެ.
އެގޮތުން މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރާނެ އުސޫލެއް އެކުލަވާލައި މާދަމާއިން ފެށިގެން އެގޮތަށް އަމަލުކުރުމަށްވެސް ބައްދަލުވުމުގައި ބައިވެރިވި އަށް މެންބަރުންގެ އިއްތިފާގުން މިއަދު ވަނީ ފާސްކޮށްފައެވެ.
މީގެ އިތުރުން ޖޭއެސްސީއަށް ފޮނުވަން ޖެހޭ ހުރިހާ ލިޔުމެއް ކޮމިޝަންގެ ރަސްމީ އީމެއިލް އެޑްރެސްއަށް ފޮނުވުމުން އެ ލިޔެކިޔުންތައް ބަލައިގަނެ މަސައްކަތް ކުރިއަށްގެންދެވޭ ގޮތަށް މަސައްކަތްތައް ރޭވުމަށްވެސް ކޮމިޝަނުގެ ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ.
ޖޭއެސްސީން ބުނީ، އެ ކޮމިޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކޯޓުތަކާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވައި މިހާލަތުގައި ކޯޓުތައް ހިންގުމަށް ބޭނުންވާ ވަސީލަތްތަކާއި ކޯޓުތަކަށް ބޭނުންވާ އެހެނިހެން އިންތިޒާމުތައް ދެނެގަނެ، އެކަންތައްތައް ރޭވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށްގެންދަންވެސް މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.