ރިހިވެލި ޑްރީމް ހޮޓެލް މޯލްޑިވްސް އާއި ކ. މާފުށީގައި ހިންގާ ގެސްޓްހައުސްއެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ބަލީގެ އަލާމާތްތައް ހުރި ބަޔަކު ފެނިގެން ރިހިވެލި ޑްރީމް ހޮޓެލް މޯލްޑިވްސް ރިސޯޓާއި މާފުށީގައި ހިންގާ ސެވަން ކޮރަލްސް ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
"ރިހިވެލި ޑްރީމް ހޮޓެލް މޯލްޑިވްސް، އެއް ސާމްޕަލް ނެގުމަށްޓަކައި މި ރިސޯޓު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެވިފައި. ސެވަން ކޮރަލްސް ކ. މާފުށި ގެސްޓުހައުސް ވެސް އޮތީ މޮނީޓަރިންގެ ހާލަތުގައި." އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން ކޮވިޑް 19އަށް 18 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން އިޓަލީގެ ދެ މީހެއްގެ ނަތީޖާ ލިބިފައިވަނީ ކަރަންޓީނުގައި ތިބުމަށްފަހު އެ ދެމީހުން ފުރި ފަހުންނެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި އިނގިރޭސިވިލާތުން ރާއްޖެ އައި ތިން ދިވެހިން ވެސް ހިމެނެއެވެ. ރާއްޖޭގައި ފަރުވާދެމުން އައި 13 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، މިހާރު ފަރުވާދެމުން އަންނަނީ ޕޮޒިޓިވްވި ތިން ދިވެހިންނަށެވެ.