ޚަބަރު

އިނގިރޭސިވިލާތުން އައި ދެ ދިވެހިން އެއް ކޮޓަރިއެއްގައި ކަރަންޓީނުކުރީ ޓްރެވަލް ހިސްޓަރީއަށް ބަލާފައި

އަލީ ޔާމިން

އިނގިރޭސިވިލާތުން އައި ދެ ދިވެހިން އެއް ކޮޓަރިއެއްގައި ކަރަންޓީނުކުރީ ޓްރެވަލް ހިސްޓަރީއަށް ބެލުމަށްފަހު ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ، އިނގިރޭސިވިލާތުން އައި ފަހުން ކޮވިޑް 19އަށް ޕޮޒިޓިވްވި ދެ ދިވެހިން އެއް ކޮޓަރިއެއްގައި ކަރަންޓީން ކުރެވުނީ އެ ދެމީހުންގެ ޓްރެވެލް ހިސްޓަރީއަށް ބެލުމަށްފަހު އެ މީހުންނަކީ އެއް ޓްރެވެލް ހިސްޓަރީއެއް އޮތް ބަޔަކަށްވެފައި، އެއް ގައުމަކުން އެއް ފްލައިޓަކުން އައި ދެމީހުން ކަމަށް ވުމުން ކަމަށެވެ.

"މި ކޭސްގައި ވެފައި މިއޮތީ އެއް ޓްރެވެލް ހިސްޓަރީއެއް، އެއްތަނަކުން އެއްކޮށް އައި ދެކުދިން، އެއްތަނެއްގައި ބޭތިއްބުމަށް ހުއްދަ ދެވިފައި އޮތީ،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، އެ ދެމީހުންނަކީ އާއިލީ ގޮތުން ތިމާގެ ދެމީހުން ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެ ދެމީހުންނަކީ ދެބެންގެ ދެދަރިއެވެ. އަދި މިއަދު ޕޮޒިޓިވްވި މީހާގެ ސާމްޕަލް ނަގާފައިވަނީ އިއްޔެއެވެ. އެ ދެމީހުންވެސް ކަރަންޓީންކޮށްފައި ތިބީ ރޯޔަލް ކަރަންޓީން ފެސިލިޓީގައެވެ. އިއްޔެ ޕޮޒިޓިވްވި މީހާގެ ކިބައިން ބަލީގެ އަލާމާތްތައް ފެނުނު ކަމުގައިވިޔަސް މިއަދު ޕޮޒިޓިވްވި މީހާގެ ކިބައިން ބަލީގެ އަލާމާތެއް ފެނިފައިނުވާކަންވެސް އެނގިފައިވެއެވެ.

މަބްރޫކް ވިދާޅުވީ، ރާއްޖެއިން މިހާތަނަށް ކޮވިޑް 19އަށް ޕޮޒިޓިވްވި ތިން ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

މިހާރު ރާއްޖޭން ކޮވިޑް 19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 18 އަށް އަރައިފައެވެ. އޭގެ ތެރެއިން އިޓަލީގެ ދެ މީހަކު ޕޮޒިޓިވްވިކަން އެނގުނީ އެމީހުން ރާއްޖޭން ފުރި ފަހުންނެވެ.