ރާއްޖެއިން ކޮވިޑް 19އަށް އެންމެ ފަހުން ޕޮޒިޓިވްވި ދެ މީހުންނަކީ އާއިލީ ގޮތުން ގުޅުން އޮންނަ ދެ ދިވެހިން ކަމަށް ސަރުކާރުން ބުނެފިއެވެ.
ކޮވިޑް 19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ، އިއްޔެ ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވި ދިވެހި މީހާއާއި މިއަދު ޕޮޒިޓިވްވި ދިވެހި މީހާއަކީ އާއިލީ ގޮތުން ތިމާގެ ދެމީހުން ކަމަށެވެ. އަދި އެ ދެމީހުން އެއް ކޮޓަރިއެއްގައި ކަރަންޓީން ކުރެވުނީ، އެ ދެމީހުންނަކީ އެއް ފްލައިޓަކުން އައި އެއް ޓްރެވެލް ހިސްޓަރީއެއް އޮތް ދެމީހުން ކަމަށްވާތީ ކަމަށެވެ.
"ކޭސް 17 އާ ކޭސް 18 އެ ދެމީހުން އެއްކޮށް އެއް ޓްރެވެލް ހިސްޓަރީއެއްގައި ރާއްޖެ އައީ. ދެ މީހުންވެސް އެއް ފްލައިޓަކުން ފްލައިކޮށްފައި ރާއްޖެ އައީ. އެއް ގައުމަކުން އައި ދެމީހުން އަދި ތިމާގެ ކަމުގެވެސް ގުޅުން ހުރި ދެމީހުން އެހެންވެ އެ ދެމީހުން އެއްކޮޓަރިއެއްގައި ތިބީ،" މަބްރޫކް ވިދާޅުވިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ ދެމީހުންނަކީ ދެބެންގެ ދެދަރިއެވެ. އެމީހުން ކަރަންޓީންކޮށްފައި ތިބީ ރޯޔަލް ކަރަންޓީން ފެސިލިޓީގައެވެ. އަދި މިއަދު ޕޮޒިޓިވްވި މީހާގެ ސާމްޕަލް ނަގާފައިވަނީ އިއްޔެއެވެ.
މަބްރޫކް ވިދާޅުވީ، ރާއްޖެއިން މިހާތަނަށް ކޮވިޑް 19އަށް ޕޮޒިޓިވްވި ތިން ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
މިހާރު ރާއްޖޭން ކޮވިޑް 19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 18 އަށް އަރައިފައެވެ. އޭގެ ތެރެއިން އިޓަލީގެ ދެ މީހަކު ޕޮޒިޓިވްވިކަން އެނގުނީ އެމީހުން ރާއްޖޭން ފުރި ފަހުންނެވެ.