ރިސޯޓުތަކާއި ސަފާރީތަކުން މުވައްޒަފުން ފޭބޭނެ ހާއްސަ އުސޫލެއް ކަނޑައެޅީ އެންމެންގެ ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭތީ ކަމަށް ސަރުކާރުން ބުނެފިއެވެ.
ކޮވިޑް 19އާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ރިސޯޓުތަކާއި ސަފާރީތަކުގައި މަސައްކަތްކުރާ މުވައްޒަފުން އެހެން ގޮތަކަށް އަމަލުކުރާނަމަ، އެއީ ވަރަށް ގިނަ ބައެއްގެ އާންމު ދިރިއުޅުމަށް އަދި ސިއްހަތަށް ނުރައްކަލަކަށް ވާ ފަދަ ކަމަކަށް ވާނެ ކަމަށެވެ.
"އަޅުގަނޑަށް އެނގޭ ހާސްވާކަން. އަދި އުނދަގޫކަން ރަށްރަށުގައި ވެސް، ރިސޯޓުތަކުގައި ވެސް، ސަފާރީތަކުގައި ވެސް ތިބުން. އެއްވެސް މީހަކަށް ފަސޭހަ ހާލަތައެއްގައެއް ނޫން މިތިބެނީ. އެކަމަކު އަޅުގަނޑުމެން އެގޮތަށް އެކަން ކުރަން ޖެހެނީ ސަފާރީތަކުގައި ނުވަތަ ރިސޯޓުތަކުގައި ތިބެފައި ރަށްރަށަށް އަރަން އަންނަ އިރުގައި އެންމެންގެ ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭތީ. މިކަމުގައި އެހެން ގޮތަކަށް އަމަލުކުރުން އެއީ ވަރަށް ގިނަ ބައެއްގެ އާންމު ދިރިއުޅުމަށް އަދި ސިއްހަތަށް ނުރައްކަލަކަށް ވާ ފަދަ ކަމަކަށް ވާނެ،" އޭނާ ވިދާޅުވިއެވެ.
ސަފާރީތަކުގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުން މިއަދު ކުރި އިހުތިޖާޖުގެ ވާހަކަ ފާހަގަކުރައްވައި މަބްރޫކު ވިދާޅުވީ އެންއީއޯސީގެ ފަރާތުން އެހީތެރިވުމަށް އަދި ރިސޯޓުތަކާއި ސަފާރީތައް ހުޅުވުމުގެ ނޯޓު އަވަހަށް ފޯރުކޮށްދިނުމަށްޓަކައި ކަން ކުރަންވީ ގޮތުގެ އިއުލާނެއް މިއަދު ނެރެފައިވާނެ ކަމަށާއި އެކަމަށް ފުރަންޖެހޭ ފޯމުތަކާ ގުޅޭ މައުލޫމާތު އެ އިއުލާނުގައިވާނެ ކަމަށެވެ.
ކޮވިޑް 19 އާ ގުޅިގެން ހަމަޖައްސާފައިވާ ގަވައިދުތައް ބުނާ ގޮތުން، ރިސޯޓުތަކާއި ސަފާރީތަކުން މީހުން ފޭބޭނީ އެ ސަފާރީއަކުން އެންމެ ފަހު ފަތުރުވެރިޔާ ފޭބިތާ 14 ދުވަސް ހަމަވުމުން، އެޗްޕީއޭއަށް ލިޔެ، އެތަނުން ހުއްދަ ލިބުމުންނެވެ.