ޚަބަރު

މިމަހުގެ 14 އިން 19އަށް އިނގިރޭސިވިލާތުން އައި އެންމެންގެ ކޮންޓެކްޓް ސްކްރީނިން ހަދައި ޓެސްޓުކުރަނީ

އަލީ ޔާމިން

މިމަހުގެ 14 އިން 19އަށް އިނގިރޭސިވިލާތުން ރާއްޖެ އައި މީހުންގެ ކޮންޓެކްޓް ސްކްރީނިން ހަދައި ޓެސްޓުކުރަން ފަށައިފިއެވެ.

ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް މިރޭ ވިދާޅުވީ، އިނގިރޭސިވިލާތުން މިމަހުގެ 14 ވަނަ ދުވަހުން 19 ވަނަ ދުވަހާ ދެމެދު ރާއްޖެ އައިސްފައިވާ އެންމެން އަދި އެމީހުންނާ ކޮންޓެކްޓްވި މީހުން ކޮވިޑް 19އަށް ޓެސްޓުކުރަން ނިންމާފައިވާ ކަމަށެވެ.

"އެ މުއްދަތުގައި ޔޫކޭއިން އައި އެންމެން ޓެސްޓް ކުރާނެ. ސިމްޓަމެޓިކް އޯ ނަން ސިމްޓޮމެޓިކް،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، އެގޮތަށް ނިންމާފައިވަނީ އިނގިރޭސިވިލާތުން ރާއްޖެ އައި ތިން ދިވެހިން ރާއްޖޭގައި އެކަހެރިކޮށްފައި ތިއްބައި ކޮވިޑް 19އަށް ޕޮޒިޓިވްވުމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.

މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުން އަންނަ ހުރިހާ ދިވެހިން ކަރަންޓީނުކުރަން ސަރުކާރުން ވަނީ ފަށައިފައެވެ. އަދި ސަރުކާރުން ވަނީ ކަރަންޓީން ފެސިލިޓީތަކުގައި ތިބި އެންމެންވެސް ކޮވިޑް 19އަށް ޓެސްޓް ކުރުމަށްވެސް ނިންމައިފައެވެ.

ރާއްޖެއިން މިހާތަނަށް 18 މީހަކަށް ކޮވިޑް 19 ޖެހިފައިވާއިރު އޭގެ ތެރެއިން ޕޮޒިޓިވްވި އިޓަލީ ދެ މީހަކަށް އެ ބަލި ޖެހިފައިވާކަން އެނގުނީ ރާއްޖެއިން ފުރި ފަހުންނެވެ. ރާއްޖޭގައި ފަރުވާ ދިން މީހުންގެ ތެރެއިން ތިން ދިވެހިން ފިޔަވައި އެހެން މީހުން ބަލިން ރަނގަޅުވެފައިވާ އިރު، އެ ތިން ދިވެހިންގެ ހާލުވެސް ރަނގަޅުވަމުން އަންނަ ކަމަށް ސަރުކާރުން ބުނެއެވެ.