އަލީ ޔާމިން
މިއަދު ކޮވިޑް 19އަށް ޕޮޒިޓިވްވި ދިވެއްސަކީ ދެވަނައަށް ޕޮޒިޓިވްވި ދިވެހި މީހާއާ އެއް ކޮޓަރިއެއްގައި ކަރަންޓީނުކުރެވުނު މީހެއް ކަމަށް ސަރުކާރުން ބުނެފިއެވެ.
ކޮވިޑް 19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ، މިއަދު ޕޮޒިޓިވްވި މީހާއާއެކު 18 މީހަކު ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި މިއަދު ޕޮޒިޓިވްވި މީހަކީ އިނގިރޭސިވިލާތުން ރާއްޖެ އައިސް ރޯޔަލް ކަރަންޓީން ފެސިލީޓީގައި ހުއްޓާ އިއްޔެ ޕޮޒިޓިވްވި މީހާއާ އެއް ކޮޓަރިއެއްގައި ކަރަންޓީން ކުރެވުނު މީހެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
"ތިންވަނަ މީހަކު މިއަދު މިވަނީ ޕޮޒިޓިވްވެފައި. އެ މީހާއަކީ ރޯޔަލްގައި ކަރަންޓީނުގައި ހުރި މީހެއް. އެމީހާއަކީ ކޭސް 17ގެ ރޫމްމޭޓެއް. އެއްކޮށް ޓެރެވަލްކޮށްފައި އައީ. އެހެންވެ ތިންވަނަ މީހާވާނީ ކޭސް 18 އަށް." މަބްރޫކް ވިދާޅުވިއެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި މިއަދު ޕޮޒިޓިވްވި މީހާއާއި އިއްޔެ ޕޮޒިޓިވްވި މީހާއަކީ ތިމާގެ ދެ މީހުންނެވެ. އަދި އެ ދެމީހުންނަކީ އެއް ޓްރެވެލް ހިސްޓޮރީއެއް އޮތް ދެމީހުންނެވެ.
މަބްރޫކް ވިދާޅުވީ، ރާއްޖެއިން މިހާތަނަށް ކޮވިޑް 19އަށް ޕޮޒިޓިވްވި ތިން ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
މިހާރު ރާއްޖޭން ކޮވިޑް 19އަށް ޕޮޒިޓިވްވި މީހުންނަށް ބަލާ އިރު، ޖުމުލަ މި ވަނީ 18 އަށް އަރައިފައެވެ. އޭގެ ތެރެއިން ދެ މީހުންނަކީ ރާއްޖޭން ފުރި ފަހުން ކޮވިޑް 19އަށް ޕޮޒިޓިވްވިކަން އެނގުނު އިޓަލީގެ ދެ މީހެކެވެ.