ސިރިއާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް ފިނިމޫސުމުގައި އެހީވުމަށްޓަކައި ދިވެހިންގެ ފަރާތުން މަސްދަޅު ހަދިޔާ ކުރުމުގެ ހަރަކާތެއް، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން(އައިއޭސީ)އިން ކުރިޔަށް ގެންގޮސްފިއެވެ.
އައިއޭސީން ބުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 29 އިން 22 ޑިސެމްބަރަށް ކުރިޔަށް ގެންދިޔަ ހަރަކާތުން 1800 ކޭސް މަސްދަޅު ހަމަކުރެވިފައިވާ ކަމަށެވެ. އެއީ އެއްކޮންޓެއިނާގެ މަސްދަޅު ކަމަށް ވެސް އެޖަމިއްޔާއިން ބުންޏެވެ.
ހާލުގައި ޖެހިފައިވާ ސީރިއާގެ ރައްޔިތުންނަށް ދިވެހިންގެ ފަރާތުން މަސްދަޅުގެ މިހަދިޔާ ބެހުމަށް ހަމަޖައްސާފައިވަނީ، އިންސާނީ އެހީދޭ ތުރުކީގެ ޖަމިއްޔާއެއް ކަމުގައިވާ، އިންސާނީ ޔަރްދިމް ވަގުފީ (އައިއެޗްއެޗް) މެދުވެރިކޮށް ކަމަށް އައިއޭސީން ބުނެއެވެ.
އެގޮތުން މަސްދަޅުކޭސްތައް މިހާރު ގުދަން ކޮށްފައިވަނީ ވަނީ އެޖަމިއްޔާ އިން ތުރުކީގައި ގާއިމްކޮށްފައިވާ ގުދަނެއްގައި ކަމަށްވެސް އައިއޭސީން ބުނެއެވެ.
"އެންމެ ފުރަތަމަ މަސްދަޅު ބެހުމަށް ނިންމާފައި އޮތީ، ފިނިމޫސުމުގައި ކަމަށް ވީނަމަވެސް، މިމަސްދަޅު ކޮންޓެއިނާ އެގައުމަށް ފޯރާފައި ވަނީ ފެބުރުވަރީމަހު. ސަބަބަކީ ފެތުރެމުންދާ ކޯވިޑް-19 ރޯގާގެ ސަބަބުންނާއި، ސިއްހީ ގޮތުން ބޭނުންވާ ލިޔެކިޔުންތައް ލިބުމުގައި ދިމާވި ދަތިތަކަކުން" އައިއޭސީން ބުންޏެވެ.
އެޖަމިއްޔާއިން ބުނީ ކުރިން މަސްދަޅު ބަހަން ނިންމާފައި އޮތީ ފިނިމޫސުމާއި ދިމާކޮށް ކަމުގައި ވީނަމަވެސް، ފިނިމޫސުމްވެސް ނިމުމަކަށް އައުމާއި ކުރިޔަށް އޮތީ ރަމަޟާންމަސް ކަމުގައި ވާތީ، މަސްދަޅު މިހާރު ބެހުމަށް ހަމަޖައްސާފައިވަނީ ރަމަޟާން މަހު ކަމަށެވެ.
އައިއޭސީން ވަނީ ސީރިއާގައި ދަތި ހާލުގައި ދިރިއުޅެމުންދާ އަހުންނާއި އުހުތުންނަށް ދިވެހިރައްޔިތުންގެ ފަރާތުން މީގެ ކުރިންވެސް އެކި ފަހަރު މަތިން ފައިސާގެ ގޮތުންނާއި ތަކެތީގެ ގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.
އައިއޭސީން ބުނީ މި ރަމަޟާން މަހާއި ދިމާކޮށް ހަރަކާތްތަކެއް ކުރިއަށް ގެންދަން އެޖަމިއްޔާ އިން ނިންމާފައިިވާ ކަމަށެވެ. ހާއްސަ ގޮތެއްގައި ދުނިޔޭގައި ފެތުރިގެން މިދާ ކޮވިޑް 19 އާއި ގުޅިގެން ބޭނުންވާ މުހިންމު އެހީތައް ފޯރުކޮށްދިނުން ހިމެނޭ ކަމަށްވެސް އެޖަމިއްޔާ އިން ބުންޏެވެ. އިތުރު މައުލޫމާތު އެޖަމިއްޔާގެ ހޮޓްލައިން 9122121 މެދުވެރިކޮށް ލިބޭނެ ކަމަށް އައިއޭސީން ބުނެއެވެ.