ޚަބަރު

ޑުރަގު ނެޓްވޯކެއްގައި އިސްކޮށް ހުރި ކަމަށް ބުނާ އަރުޝަދުގެ ބަންދަށް ދިހަ ދުވަސް ޖަހައިފި

މަރިޔަމް ޝަހުދާ

މިދިޔަ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު ފުލުހުން މާލޭގައި ހިންގި ޑުރަގު އޮޕަރޭޝަންގައި ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން އެ ނެޓްވޯކުގައި އިސްކޮށް ހުރިކަމަށް ބުނާ އަރުޝަދު ހާލިދުގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.

މިއަދު ކްރިމިނަލް ކޯޓުން ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދުގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ އިއްޔެ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމުން އެ މައްސަލަ އަލުން ރިވިއު ކުރަން ހުށަހެޅުމުންނެވެ. އަރުޝަދު ދޫކޮށްލި މައްސަލަ ރިވިއު ކުރަން ޕީޖީން ހުށަހެޅީ ފުލުހުންގެ އެދުމަކަށެވެ.

އަރުޝަދާއި އިތުރު ބަޔަކު ގުޅިގެން މަސްތުވާ ތަކެތި ރާއްޖެ އެތެރެކޮށް އެ ތަކެތި ގެންގުޅެ އަދި ޓްރެފިކް ކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ނުވަ ގެއެއް ބަލައި ފާސްކޮށް ނުވަ ކިލޯއަށްވުރެ ގިނަ ހެރޮއިންއާއި ހަތަރު ގްރާމަށްވުރެ ގިނަ ކޮކެއިން އަތުލައިގަތެވެ.

އެ މައްސަލައިގައި ގާތްގަނޑަކަށް 4.6 މިލިއަން ރުފިޔާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

މި މައްސަލައިގައި ޕީޖީން ވަނީ އަރުޝަދުގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާކޮށްފައެވެ.