ކޮވިޑް 19 އާ ގުޅިގެން ގަވާއިދާއި ހިލާފަށް ގއ. ދާންދޫ، ނިލަންދޫ އަދި މާމެންދޫގެ އެއްވެސް ރައްޔިތަކު ވަޒީފާއިން ވަކި ކޮށްފި ނަމަ ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭން ނިންމަވާފައިވާ ކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެ އެވެ.
މުހުތާޒު މިއަދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައިވާ އިރު ރިސޯޓު މުވައްޒަފުން ނޯ ޕޭއަށް ފޮނުވާލި ރިސޯޓްތަކާއި މުސާރަ ދަށް ކުރި 58 ރިސޯޓު ހިމެނޭ ލިސްޓެއް، ރިސޯޓް މުވައްޒަފުންގެ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޓޫރިޒަމް އެމްޕްލޯޔާޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން އިއްޔެ ވަނީ އާންމު ކޮށްފައެވެ.
ގާތްގަނޑަކަށް 11000 މީހުންގެ ވަޒީފާ ގެއްލިފައިވާ ކަމަށް ޓީމުން ވަނީ ބުނެފައެވެ. އެސޯސިއޭޝަނުން ބުނެފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވުމަކީ، ވަޒީފާ ދޭ ފަރާތްތަކުން މަސައްކަތްތެރިންގެ ހައްގުތައް ހަނިކުރަން އޮތް ހުއްޖަތެއް ނޫން ކަމަށެވެ.
އެހެންކަމުން މުސާރަ ދަށްކޮށް ނޯޕޭއަށް ފޮނުވި ނަމަވެސް ރިސޯޓުން ފައިބައިގެން ނުދިއުމަށާއި އަސާސީ މުސާރަ ލިބޭނެ ކަމުގެ ޔަގީންކަން ހޯދައިގެން ނޫނީ ރިސޯޓުން ނުދިއުމަށް ވެސް ރިސޯޓުތަކުގެ މުވައްޒަފުންނަށް ޓީމުން ވަނީ ގޮވާލައިފައެވެ.