ޚަބަރު

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެއްވުންތައް ބޭއްވުމުގެ ހުއްދަ ނުދޭނަން: ފުލުހުން

އައިދާ އަބްދުލް ހަކީމް

ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މިދަނޑިވަޅުގައި އެއްވުންތައް ބާއްވަން ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިމިވަނީ ކޮވިޑް 19 އާ ގުޅިގެން އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ހަމަވިޔަސް، ސަފާރީތަކުން ފޭބޭނީ އެޗްޕީއޭގެ ހުއްދައާއެކު ކަމަށް ސަރުކާރުން ނިންމާފައިވާތީ އެކަމާ ހިތްހަމަނުޖެހި ސަފާރީތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން މިއަދު އިހުތިޖާޖު ކުރަމުންދާތީއެވެ.

ފުލުހުން ބުނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު ނަންބަރު 1/2013 ގެ 33 ވަނަ މާއްދާގެ "އ" ގެ ހަތަރުވަނަ ނަމްބަރާއި އެގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ މިހާލަތުގައި އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން އެންމެންގެ ރައްކާތެރި ކަމަށްޓަކައި ހުރިހާ އެންމެންވެސް ގާނޫނީ ތަރަހައިގެ ތެރެއިން އަމަލު ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.