މިފަދަ ދަނޑިވަޅެއްގައި އެޗްޕީއޭގެ އެންގުމާ ދެކޮޅަށް ބޯޓުން ފައިބަން ގަދަ ހަދާ ބޯޓު ކުރޫއިންނާއި އޯނަރުންނަށް ފިޔަވަޅު އަޅަން ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެންބީއޭއެމް) އިން ގޮވައިލައިފިއެވެ.
އެންބީއޭއެމުން މިއަދު ބުނީ އެޗްޕީއޭ އިން ބޯޓާއި ރިސޯޓުގައި މަޑުކުރަން އެންގުމުން އެކަމާ ހިތްހަމަނުޖެހިގެން ބައެއް ޑައިވަރުން އިސްނަގައިގެން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން މިއަދު ތައްޔާރުވަމުންދާތީ އެ އެސޯސިއޭޝަނުން އެކަން ކުށްވެރި ކުރާ ކަމަށެވެ.
މީގެ އިތުރުން ވަޒީފާގެ ހާލަތު ބަދަލު ކުރާ ފަރާތްތަކާއި ވަޒީފާއިން ވަކިކުރާ ފަރާތްތައް ޖޮބް ސެންޓަރުގައި ރަޖިސްޓްރީވުމަށް ސަރުކާރުން އަންގާފައިވާކަން އެންބީއޭއެމްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ކޮވިޑް 19 އަށް ޝައްކު ކުރެވޭ ފަރާތެއްގެ ރިޕޯޓު ލިބުމާއެކު ސަރުކާރުން އެމީހަކު އަވަހަށް މޮނިޓަރިންއަށް ގެންދާކަން ފާހަގަކޮށް އެންބީއޭއެމުން ބުނީ މި ދަނޑިވަޅުގައި ކަމާބެހޭ އިދާރާތަކަށް އެއްބާރުލުން ދިނުމަށް އެދޭ ކަމަށެވެ.
ކޮވިޑް 19 އާ ގުޅިގެން ހަމަޖައްސާފައިވާ ގަވައިދުތައް ބުނާ ގޮތުން، ސަފާރީތަކުން މީހުން ފޭބޭނީ އެ ސަފާރީއަކުން އެންމެ ފަހު ފަތުރުވެރިޔާ ފޭބިތާ 14 ދުވަސް ހަމަވުމުން، އެޗްޕީއޭއަށް ލިޔެ، އެތަނުން ހުއްދަ ލިބުމުންނެވެ.