ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޓުވިޓާގައި ފަށްޓަވާފައިވާ ގުރުއާން ޗެލެންޖުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ސިޔާސީ ބައެއް ފަރާތްތަކަށް ދައުވަތު ދެއްވައިފި އެވެ.
ޑރ. ޝަހީމް ދައުވަތު ދެއްވާފައިވާ ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ އާއި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުއްﷲ އާއި މަޖިލީސް މެންބަރު ހުސައިން މުހައްމަދު ލަތީފުގެ އިތުރުން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ ހިމެނިވަޑައިގަންނަވައެވެ.
ޝައުނާއަށް ޝަހީމްގެ ގުރުއާން ޗެލެންޖަށް ދައުވަތު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވެފައިވަނީ ޝައުނާ އަކީ ވަރަށް ރީތިކޮށް ގުރުއާން ކިޔަވާ ބޭފުޅެއް ކަމަށެވެ. އަދި ޑރ. ޝަހީމް ވިދާޅުވީ ދައުވަތު އަރުވާފައިވާ ހުރިހާ ބޭފުޅުންވެސް އެ ޗެލެންޖްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ޑރ. ޝަހީމްގެ ގުރުއާން ޖެލެންޖަށް ޓުވިޓާގައި ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. ރާއްޖޭގެ އިތުރުން ބޭރު ގައުމުތަކުގެ ބައެއް މީހުންވެސް ވަނީ އެޗެލެންގުގައި ބައިވެރި ވެފައެވެ.