އިބްރާހިމް ޒަކީ
ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައި މިވާ ދަތި އުނދަގޫ ދަނޑިވަޅުގައި، މަސްވެރިން ވިސްނަންވީ، ބާނާ މަސްކޮޅު ޕްރޮސެސް ކުރުމަށްފަހު، ދެން ރައްކާކޮށްފައި ބެހެއްޓޭނެ ގޮތަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިގްތިސާދުގައި އެންމެ މުހިމުއް އެއް ދާއިރާ ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާއަށް މިވަގުތު ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި މަސްވެރިކަން ތަރައްގީކޮށް މަސްވެރިންގެ އަތުން މަސްގަނެ ބަރާބަރަށް ފައިސާ ލިބޭނެ ގޮތް ސަރުކާރުން ހަދަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަ ތަކާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، ކޮވިޑް 19 ފެތުރުނަ ނުދިނުމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮޖެކްޓްތައް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމުގެ މައްސަލައަށް މަޖިލިސް މެންބަރުން ކުރިއަށް ގެންދަވާ ބަހުސްގައި މެންބަރުން ވާހަކަ ދައްކަވަނީ، ރާއްޖެ މި ވަޅުގަނޑުން އަރައިގަނެވޭނެ ގޮތަކާ ބެހޭގޮތުން ކަމަށެވެ.
ހާއްސަކޮށް މަސްވެރިންގެ އަތުން ސަރުކާރުން މަސް ގަތުމާބެހޭ ގޮތުން މަސްވެރިކަމުގެ ރަށްތަކަށް ނިސްބަތްވާ މެންބަރުން ވާހަކަ ދައްކަވާފައިވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ސަރުކާރަށް ލިބޭ އާމްދަނީ އިންތިހާއަށް މަދުވެ، ކުރަން ޖެހޭ ހަރަދު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން މަސްގަތުމަށް ސަރުކާރަށް ދަތިތައް ކުރިމަތިވާނެ ކަމަށެވެ. އެހެންކަމުން މިވަގުތު މަސްވެރިން ވިސްނަންވީ ބާނާ މަސްކޮޅު ޕްރޮސެސް ކުރުމަށްފަހު ރައްކާ ކުރުމުގެ ގޮތެއް އޮތްތޯ ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، މަޖިލިސް މެންބަރުން މިއަދު މަޝްވަރާ ކުރަންވީ، ދައުލަތުގައި މިވަގުތުހުރި ފައިސާކޮޅު ހަރަދު ކުރާނެ އެންމެ ބުއްދިވެރި ގޮތަކާމެދު ކަމަށެވެ.