ޚަބަރު

ޑުރަގް ނެޓްވޯކެއްގައި އިސްކޮށްހުރި ކަމަށް ބުނާ އަރުޝަދު ދޫކޮށްލި މައްސަލަ ކްރިމިނަލް ކޯޓުގައި މިއަދު އަލުން ބަލަނީ

މަރިޔަމް ޝަހުދާ

މިދިޔަ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު ފުލުހުން މާލޭގައި ހިންގި ޑުރަގް އޮޕަރޭޝަންގައި ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން އެ ނެޓްވޯކުގައި އިސްކޮށް ހުރިކަމަށް ބުނާ އަރުޝަދު ހާލިދު ދޫކޮށްލި މައްސަލަ ރިވިއު ކުރުން މިއަދު ކްރިމިނަލް ކޯޓުގައި ޝެޑިއުލް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި އަރުޝަދު ދޫކުރި މައްސަލަ ރިވިއު ކުރަން ފުލުހުން ވަނީ ޕީޖީ އޮފީހުގައި އެދިފައެވެ. އަދި މިއަދު އެ މައްސަލަ ރިވިއު ކުރުން ކްރިމިނަލް ކޯޓުގައި ޝެޑިއުލް ކޮށްފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށް ފުލުހުން ބުނެއެވެ.

ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދާއި އިތުރު ބަޔަކު ގުޅިގެން މަސްތުވާ ތަކެތި ރާއްޖެ އެތެރެކޮށް އެ ތަކެތި ގެންގުޅެ އަދި ޓްރެފިކް ކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ނުވަ ގެއެއް ބަލައި ފާސްކޮށް ނުވަ ކިލޯއަށްވުރެ ގިނަ ހެރޮއިންއާއި ހަތަރު ގްރާމަށްވުރެ ގިނަ ކޮކެއިން އަތުލައިގަތެވެ.

އެ މައްސަލައިގައި ގާތްގަނޑަކަށް 4.6 މިލިއަން ރުފިޔާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އަރުޝަދު ދޫކޮށްލީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.