ފޮރިން މިނިސްޓްރީ

އިންޑިއާގެ ފަސް ސިޓީއެއްގައި ނުގެނެވިފައި ހުރި ބޭސްތައް އެގައުމުގެ އެއާފޯސް މަތިންދާބޯޓުގައި ރާއްޖެއަށް ގެންނަނީ

މަރިޔަމް ޝަހުދާ

ލޮކްޑައުންގެ ސަބަބުން އިންޑިއާގެ ފަސް ސިޓީއަކުން ރާއްޖެއަށް ނުގެނެވި ހުރި ބޭސްތައް އެގައުމުގެ ސިފައިންގެ އެހީތެރިކަމާ އެއާފޯސް މަތިންދާބޯޓުގައި ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި އަވަށްޓެރި އިންޑިއާ ލޮކްޑައުން އަށް ދިއުމުގެ ކުރިން ރާއްޖެއަށް ގެންނަން ތައްޔާރުކޮށްފައި ހުރި ބޭހުގެ ޝިޕްމަންޓުތަކެއް ހުރީ ނުގެނެވިއެވެ. މި މަސައްކަތް ކުރުމަށް ރާއްޖޭގެ ދިފާއީ ބާރާއި އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. މި ބޭސް ޝިޕްމަންޓަކީ އެސްޓީއޯއިން ރާއްޖެ ގެނައުމަށް ތައްޔާރު ކޮށްފައި ހުރި ބޭސް ޝިޕްމަންޓެއް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

މާދަމާގެ ވަގުތެއްގައި އިންޑިއާގެ ފަސް ސަރަހައްދެއްގައި ހުރި ބޭހުގެ ޝިޕްމަންޓްތައް އެއް ތަނަކަށް ގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. އެގޮތުން ނިއުދިއްލީ، މުމްބާއީ، ޗެންނާއީ އަދި މަދޫރާއީގައި ހުރި އަށް ޓަނުގެ ބޭސް އެއް ތަނަކަށް ގެންދާނީ އިންޑިއަން އެއާފޯސްގެ މަތިންދާ ބޯޓެއްގައި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މި ބޭސްތައް އެއް ތަނަކަށް ގެންދިއުމަށްފަހު ބުރާސްފަތި ދުވަހު އިންޑިއަން އެއާފޯސްގެ މަތިންދާ ބޯޓެއްގައި މި ބޭސްތައް ރާއްޖެ ގެންނާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ގެންނަ ތަކެތި ދަތިކަމަކާ ކުރިމަތި ނުވެ ރާއްޖެ ގެނައުމާއި ގުޅޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާގެ ހާރިޖީ ވަޒީރާއި މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި އިންޑިއާގެ ހާރިޖީ ވަޒީރު ވަނީ އެއްވެސް މެދުކެނޑުމެއް ނެތި ބޭހުގެ ބާވަތްތަކާއި ކާޑުގެ ބާވަތްތައް ރާއްޖެއަށް ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް މިއުވާނު ވިދާޅުވިއެވެ.