ސައުތު އެފްރިކަން އެއާވޭސްގެ ސީދާ ދަތުރުތައް މިއަދު އައްޑޫ ގަމަށް ފަށައިފި އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސައުތު އެފްރިކާގެ ފުރަތަމަ ފްލައިޓު ޖައްސާފައިވާއިރު ސައުތު އެފްރިކާގެ ދަތުރުތައް ކުރާނީ އެގައުމުގެ ޖޮހެނެސްބާގުންނެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އެ ފްލައިޓު ޖެއްސިއިރު އޭގައި ރާއްޖެ އައި ފަތުރުވެރިންނަށް މަރުހަބާ ދަންނަވާފައި ވަނީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ.
ފަތުރުވެރިންނަށް މަރުހަބާ ދެންނެވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ މިއަދަކީ އައްޑޫގެ އިތުރުން ރާއްޖެއަށް ވެސް ތާރީހީ ދުވަހެއް ކަމަށެވެ.
"މި ދަތުރުތައް ފެށިގެން ދިޔުމަކީ ރައްޔިތުންނަށް ލިބިގެންދާނެ އިތުރު ކުރިއެރުންތަކަކާއި ފަސޭހަތަކެއް،" އޭނާ ވިދާޅުވިއެވެ.
އައްޑޫ އާއި އެފްރިކާއާ ދެމެދު ދަތުރު ކުރަނީ އެއާބަސް އޭ340ގެ މަތިންދާބޯޓެވެ. އެ މަތިންދާ ބޯޓުގައި އެއްފަހަރާ 300 ފަސިންޖަރުންނަށް ދަތުރުކުރެވޭނެ އެވެ. އެގޮތުން މިއަދު ރާއްޖެ އައި ފްލައިޓުގައިވެސް 300 ފަސިންޖަރުން އައިސްފައިވެއެވެ.
ސައުތު އެފްރިކަން އެއާވޭސްގެ ދަތުރުތައް މިއަދު ފެށިއިރު ކޮންމެ ހަފުތާއަކު ތިން ދަތުރު ކުރުމަށް ވަނީ ހަމަޖައްސައިފަ އެވެ.