ޚަބަރު

ބޭނުންވާ ހިދުމަތްތަކަށް އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އިންތިޒާމު ސްޓެލްކޯއިން ހަމަޖައްސައިފި

މަރިޔަމް ޝަހުދާ

ބޭނުންވާ ހިދުމަތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޯމު ހުށަހެޅޭނެ އިންތިޒާމު ސްޓެލްކޯއިން ހަމަޖައްސައިފިއެވެ.

ސްޓެލްކޯއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ގޭގައި ތިބެގެން ހިދުމަތަށް އެދި ފޯމު ހުށަހެޅުމާއި އެ ހިދުމްތަތަކަށް ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން މާލޭ ސަރަހައްދުގެ ރައްޔިތުން [email protected] އަށް އެ ކުންފުނިން ބޭނުންވާ ހިދުމަތްތަކަށް އެދި ފޯމު ހުށަހެޅޭނެ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

މީގެ އިތުރުން އެ ކުންފުނިން ހިންގާ އިންޖީނުގެތަކުން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކޮންމެ ހަފުތާއެއްގެ ހޯމަ އަދި ބުރާސްފަތި ދުވަހު އިންޖީނުގެގެ އޮފީސް ހުޅުވާފައި ހުންނާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އިންޖީނުގޭ އޮފީސް ހުޅުވާފައި ހުންނާނީ މި ދެ ދުވަހުގެ ހެނދުނު 10:00 އިން 13:00 އަށް ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯގެ ސޭލްސް ސެންޓްރުން ހިދުމަތް ހޯދާ މީހުންނަށް ވެސް އެ ކުންފުނިން ވަނީ ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސާފައެވެ. އެގޮތުން [email protected] އަށް މެއިލް ކޮށްގެން ކަރަންޓާއި ގުޅުން ހުރި މުދާ ވިއްކުމާއި ދޫކުރުމުގެ ކަންކަން ހަމަޖެއްސޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި އެ ފަރާތްތަކަށް 9110888 އަށް ގުޅައިގެންވެސް ސޭލްސްއާއި ގުޅުން ހުރި ހިދުމަތްތައް ހޯދޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.