މިންހާ ފާއިޒް ރަޝާދު
ބަލި މީހަކު ނަމަ، ނުވަތަ ބަލި މީހަކަށް ފަރުވާ ދޭ މީހަކަށް ނުވާ ނަމަ، މާސްކު އެޅުމަށް ލަފާ ނުދޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.
"އެންމެން މާސްކު އެޅުމުން ކޮވިޑުން ރައްކާތެރި ވެވޭ ކަމުގެ ހެއްކެއް ނެތް. އެކަމަކު އެންމެން މާސްކު އަޅަން ޖެހޭ އެންމެ ރަނގަޅު ގޮތް ނޫން ގޮތްގޮތަށް އަޅައި އޭގެ ބޭނުން އެންމެ ފުރިހަމައަށް ނުހިފޭ ނަމަ އޭގެން ލިބޭ ގެއްލުން މާބޮޑު" ޑަބްލިއުއެޗްއޯގެ އެގްޒެކެޓިވް ޑިރެކްޓަރު ޑޮކްޓަރު މައިކް ރައިން ވިދާޅުވިއެވެ.
ޑޮކްޓަރު އެހެން ވިދާޅުވީ އިއްޔެ ސްވިޒަލޭންޑުގެ ޖެނީވާގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ޑޮކްޓަރު އިތުރަށް ވިދާޅުވީ އެންމެން މާސްކް އަޅަން ވެއްޖެ ނަމަ މާސްކަށް ޖެހިދާނެ ކަމުގެ ބިރުވެސް އެބަ އޮތް ކަމަށެވެ.
"މިވަގުތު ޕްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނަކީ އެންމެ ރިސްކު ބޮޑު މީހުން. އެމީހުނަށް މާސްކު ނުލިބިދާނެކަން ހިތަށް އެރުމުންވެސް ވަރަށް ބިރުވެރި" ޑޮކްޓަރު މައިކް ވިދާޅުވިއެވެ.
ޑަބްލިއުއެޗްއޯގެ އިންފެކްޝިއަސް ޑިޒީޒް އެޕިޑެމިއޯލޮޖިސްޓެއް ކަމަށްވާ ޑޮކްޓަރު މާރިޔާ ވޭން ވެސް ވިދާޅުވީ އިސްކަން ދޭން ޖެހެނީ މާސްކު އެންމެ ބޮޑަށް ބޭނުންވާ މީހުންނަށް ދިނުމަށް ކަމަށެވެ. އެއީ ޕްރޮންޓްލައިނުގައި މަސައްކަތް ކުރާ މީހުންނެވެ.
"އާންމު ދިރިއުޅުމުގައި މާސްކު ބޭނުން ކުރަން ރެކަމޮންޑެއް ނުކުރަން. އެކަމަކު، ތިމާ ބަލި ނަމަ އެބަލި އެހެން މީހުނަށް ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށް މާސްކު އަޅަން ވާނެ" ޑޮކްޓަރު މާރިޔާ ވިދާޅުވިއެވެ.
ޑަބްލިއުއެޗްއޯއިން މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ވަނީ ސިއްހީ ހިދުމަތްތެރީންނަށް ބޭނުންވާ މެޑިކަލް ސަޕްލައި ހުސްވެދާނެ ނުވަތަ މަދުވެދާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނަށް ބޭނުންވާ ސާމާނު ވަކީން ފާހަގަކޮށްފައި ވެއެވެ.