އަލީ ޔާމިން
އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ފަހުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދައާއެކު ރިސޯޓުތަކުން މުވައްޒަފުންނަށް ފޭބޭނެ ކަމަށް ކޮވިޑް 19އާ ގުޅޭ ސަރުކާރުގެ ތަރުޖަނާމު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، އެރަށަކީ ފަތުރުވެރިން މިހާރުވެސް ތިބި ރަށެއް ނަމަ އެ ރަށުން ވަކި ސަރަހައްދެއް ކަރަންޓީން ކުރުމަށް ހާއްސަކޮށް އެ ސަރަހައްދުގައި 14 ދުވަސްވުމަށް ފަހުގައި އެގްޒިޓް ސްކްރީނިން ހެދިގެން ކޮވިޑަށް ނެގެޓިވްވާ މުވައްޒަފުންނަށް ރިސޯޓުން ފޭބޭނެ ކަމަށެވެ.
ރިސޯޓެއްގައި އެންމެ ފަހު ފަތުރުވެރިޔާ މީހާ އައިތާ މިހާތަނަަށް 14 ދުވަސްވެފައިވާނަމަ އަދި މިވީހާތަނަށް ޕޮޒިޓިވް ކޭސްއެއް ފެނިފައި ނެތް އަދި ބަލީގެ އަލާމާތްތައް ހުރި މީހެއްވެސް ނެތް ރަށެއް ކަމުގައިވާނަމަ އެ މީހުންނަށް އެރަށުން ފޭބުމަށް ހުއްދަދޭނެ އިންތިޒާމުވެސް އެޗްޕީއޭއިން އޮތީ ހަމަޖައްސާފައި ކަމަށެވެ.
"ރިސޯޓެއްގައި އެންމެ ފަހު ފަތުރުވެރިޔާ އައިތާ މިހާތަނަަށް 14 ދުވަސްވެފައިވާނަމަ އަދި މިވީހާތަނަށް ޕޮޒިޓިވް ކޭސްއެއް ފެނިފައި ނެތް، ބަލީގެ އަލާމާތްތައް ހުރި މީހެއްވެސް، ބައްޔަށް ޝައްކު ކުރެވޭ މީހަކުވެސް ނެތް ރަށެއް ކަމުގައިވާނަމަ އެ މީހުންނަށް އެރަށުން ފޭބުމަށް ހުއްދަދޭނެ އިންތިޒާމު އެޗްޕީއޭއިން އޮތީ ރާވާފައި." އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، މިދިޔަ 14 ދުވަސް ތެރޭގައި އެރަށަށް ގެސްޓަކު ނާރާ ރަށްތަކުގެ މުވައްޒަފުންނާ މެދުވެސް އަމަލު ކުރަމުން އަންނާނީ އެ އުސޫލުގެ ތެރެއިން ކަމަށެވެ. އަދި ރިސޯޓުތަކުންނާއި ސަފާރީތަކުން މީހުންނަށް ފޭބޭނީ އެޗްޕީއޭގެ ހާއްސަ ހުއްދައެއް ލިބިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.