ކޯލިޝަން އެއްބަސްވުމުގައި އޭރުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ސޮއިކުރައްވައިފައި ވަނީ ޕާޓީގެ ގައުމީ މަޖިލީހުގެ ރުހުމާ ނުލައިތޯ ނުވަތަ ނޭނގި ސިއްރުންތޯ އެމްއާރްްއެމްގެ އާމިނަތު ނާދިރާ ސުވާލު އުފައްދަވައިފި އެވެ.
ނާދިރާ މި ގޮތަށް ސުވާލު އުފައްދަވައިފައި ވަނީ އޭނާ ރޭ ކުރެއްވި ޓުވީޓެއްގަ އެވެ.
ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ގިނަ މެންބަރުން ވަނީ ލީކުވެގެން އުޅޭ އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލުކުރައްވައިފަ އެވެ. އެފަދަ އެއްވެސް އެއްބަސްވުމެއްގައި އެމްޑީޕީގެ ފަރާތުން ސޮއިކޮށްފައި ވާނެތޯ މެންބަރުން ތަކުރާރުކޮށް ސުވާލުކުރެއްވި އެވެ. އަދި މަޖިލިސް އިންތިޚާބާ ގުޅޭ ގޮތުން އެއްބަސްވުމެއްގައި ސޮއިކޮށްފައި ވާނެތޯވެސް އެބޭފުޅުން ސުވާލުކުރެއްވި އެވެ. އެންމެ ފަހުން ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ދާއިރާތަކާ ގުޅޭ ގޮތުން ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކުރައްވައިފައި ނުވާނެ ކަމަށެވެ.
ނާދިރާގެ ޓުވީޓުގައި ވިދާޅުވީ ގިނަ ރައްޔިތުން ތިބީ ކޯލިޝަނަކުން އުފެދުނު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަން މި ފަސް އަހަރު ދިފާއުކޮށްދިނުމަށް ކަމަށެވެ.
ނާދިރާ އިތުރަށް ވިދާޅުވީ އޭރުގެ ރިޔާސީ ކެންޑިޑޭޓު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ބަސްފުޅެއް މިކަމުގައި މުހިއްމެވެ.
ރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައި ވަނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ޕާޓީން ހުރިހާ ދާއިރާއަކަށް ނިކުތުމަށެވެ. އަދާލަތު ޕާޓީން މިއަދު ވަނީ ކޯލިޝަން އެއްބަސްވުމުގައިވާ ގޮތުގެ މަތީން ހިއްސާވާ މިންވަރު ބެހުމުން އެޕާޓީ ޖެހޭ އަދަދު ކަމަށްވާ 13 ދާއިރާ އަށް އެ ޕާޓީން ވެސް ނިކުންނާނެކަން އިއުލާނުކޮށްފަ އެވެ. އަދި އަދާލަތުން ވާދަކުރަން ނިންމާފައިވާ ދާއިރާތައް ވެސް އެޕާޓީން ވަނީ އިއުލާނުކޮށްފަ އެވެ.