ޚަބަރު

ހޮސްޕިޓަލުތަކުގެ ވެންޓިލޭޓަރުތަކާއެކު މިވަގުތު ރާއްޖޭގައި ހުރީ 97 ވެންޓިލޭޓަރު: މަބްރޫކު

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ހޮސްޕިޓަލުތަކުގެ ވެންޓިލޭޓަރުތަކާއެކު މިވަގުތު ރާއްޖޭގައި ހުރީ 97 ވެންޓިލޭޓަރު ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮވިޑް 19އާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ އެ އަދަދަކީ ސަރުކާރުން ހިންގާ ހޮސްޕިޓަލުތަކާއި އަމިއްލަ ހޮސްޕިޓަލުތަކުގެ ވެންޓިލޭޓަރުތަކާއެކު ކަމަށެވެ.

"ރާއްޖޭގެ އެކި ހޮސްޕިޓަލުތަކާއި މާލޭގައި ހުރި ހޮސްޕިޓަލުތައް، އަމިއްލަ ހޮސްޕިޓަލުތަކާ އެއްކޮށް ޖުމްލަ 97 ވެންޓިލޭޓަރު މިވަގުތު އެބަހުރި،" އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކު ވިދާޅުވީ ރާއްޖެއަށް 200 ވެންޓިލޭޓަރު ހަމަކުރުމަށް މަސައްކަތްކުރާ ކަމަށާއި އެ އަދަދު ހަމަކުރުމަށް 70 ވެންޓިލޭޓަރު ގެނައުމުގެ މަގުމަތީގައިވާ ކަމަށެވެ.

ކޮވިޑް 19އާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީގެ ބައެއް ލިސްޓުގައި ވެސް ވެންޓިލޭޓަރު ހިމެނެއެވެ. ޗައިނާއިން ދޭ އެހީގެ ފުރަތަމަ ބެޗް، މިދިޔަ ހުކުރު ދުވަހު ދިވެހި ސަރުކާރާ ވަނީ ހަވާލުކޮށްފައެވެ.

ރާއްޖެއިން ކޮވިޑް 19އަށް 17 މީހުން ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން އިޓަލީގެ ދެ މީހެއްގެ ނަތީޖާ ލިބިފައިވަނީ ކަރަންޓީނުގައި ތިބުމަށްފަހު އެ ދެމީހުން ފުރައިގެންދިޔަ ފަހުންނެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެހި ދެ މީހަކު ވެސް ހިމެނެއެވެ. އަދި ރާއްޖޭގައި ފަރުވާދެމުން އައި 13 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.